ޚަބަރު

ކޯސްޓްގާޑުން ވަނީ މުހިންމު ކުރިއެރުންތަކެއް ހޯދާފައި - ކާނަލް މުޙައްމަދު ސަލީމް


ވޭތުވެދިޔަ ދުވަސްތަކުގައި ކޯސްޓްގާޑުން ވަނީ މުހިންމު ކުރިއެރުންތަކެއް ހޯދާފައިކަމަށާ، ޢާއްމުރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކާބީތަކެއް ޙާސިލްކޮށްފައިވާކަމަށް ކޯސްޓްގާޑްގެ ކޮމާންޑަރ ކާނަލް މުޙައްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ކާނަލް މުޙައްމަދު ސަލީމް މިހެން ވިދާޅުވީ ކޯސްޓްގާޑްގެ ޚިދުމަތަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެމްއެންޑީއެފް ކޯސްޓް ގާޑްގެ ޚިދުމަތް ރައްޖޭގައި ފުރަތަމަ ދޭން ފަށާފައިވަނީ 1 ޖެނުއަރީ 1980ވަނަ ދުވަހުއެވެ.

ދިވެހިރާޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކަނޑާއި ވައިގެ ބާރު އުފެދުނީ ސިފައިންގޭގައި ވަކި ޔުނިޓެއްގެ ގޮތުގައި ލޯންޗް ސެކްޝަން ތަޢާރަފްކުރުމާއެކުއެވެ. އެއީ 1980ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.

ކޯސްޓްގާޑުގެ ޚިދުމަތަށް 40އަހަރު ފުރުމާގުޅިގެން އެކަން ފާހަގަކުރުމަށް ހުޅުމާލޭގައި އެމްއެންޑީއެފް ކޯސްޓްގަޑްގެ ފަރާތުންވަނީ ޚާއްސަ ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ކޯސްޓްގާޑްގެ ކޮމާންޑަރ ކާނަލް މުޙައްމަދު ސަލީމާއި، އެމްއެންޑީއެފްގެ އިސް ބޭފުޅުންނާއި، ކޯސްޓްގާޑުގެ ޚިދުމަތުގައި މަސައްކަތްކުރާ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.

މިރަސްމިއްޔާތުގައި ދުވަހާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކޯސްޓްގާޑް ކޮމާންޑަރު ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެމްއެންޑީއެފުން ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. ޚާއްސަކޮށް ކަނޑުމަތީގައި ހިންގާ ޙާދިސާތަކުގައި ޙާލުގައި ޖެހޭ މީހުންނާއި މުދާ ސަލާމަތްކުރުމުގައި ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށެވެ.

"އެހެން ޤަޢުމުތަކާއި ޚިލާފައި ރާއްޖޭގެ ކޯސްޓްގަރޑުން ކުރަނީ ކަނޑުމަތީގެ ޙާދިސާތަކުގައި އެހީވުމުގެ މަސައްކަތް އެކަންޏެއް ނޫން. ކަނޑުގެ ޑިފެންސްވެސް ބަލަހައްޓަނީ ހަމަ ކޯސްޓްގާޑުން. ނުރައްކާތެރި ބައެއް ޙާދިސާއާވެސް ކުރިމަތިކާންޖެހުނު." ކާނަލް މުޙައްމަދު ސަލީމް ވިދާޅުވިއެވެ.

ކާނަލް މުޙައްމަދު ސަލީމް ވިދާޅުވީ ކޯސްޓްގާޑްގެ ޚިދުމަތްތައް ދިނުމުގައި މުހިންމު ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ.

"އެމަޖެންސީތަކުގައި އެހީ ދިނުމަށް "އެއަރ ވިންގް"އެއް ޤާއިމުކޮށް އޭވިއޭޝަންގެ ޚިދުމަތްދެމުންދާކަން ފާހަގަކުރަން. މިހާރު ވައިގެ މަގުން މެޑިކަލް އިވަކުއޭޝަންގެ ޚިދުމަތްވެސް އެބަދެން." ކާނަލް މުޙައްމަދު ސަލީން ވިދާޅުވިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ 40ވަނަ އަހަރީ ދުވަހާ ގުޅިގެން އަހަރަށް ބަހާލައިގެން ކޯސްޓްގާޑުން ގިނަ ޙަރަކާތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ހިންގުމަށް ހަމަޖެހިފައިވާ އިޖްތިމާޢީ ހަރަކާތްތަކުގެ ތެރޭގައި ލޭ ހަދިޔާކުރުމާއި، ފަޅު ސާފުކުރުމާއި ބީޗް ސާފުކުރުމުގެ އިތުރުން މުރަކަ އިންދުމުގެ ޙަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.