ޚަބަރު

އާއަހަރާ ދިމާކޮށް ފުލުހުން ހިންގާ އޮޕަރޭޝަނުގައި މަސްތުވާތަކެތީގެ ގިނަ މައްސަލަތަކެއް


އާއަހަރާ ދިމާކޮށް ފުލުހުންގެ ޚާއްސަ އޮޕަރޭޝަނެއް މާލެ ސަރަޙައްދުގައި ފަށައިފިއެވެ.
"އޮޕަރޭޝަން ރިވެލި" މިނަމުގައި ކުރިއަށްގެންދާ މިއޮޕަރޭޝަން އާއަހަރުގެ ބަންދުތެރޭގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާކަމަށް ފުލުހުން ހާމަކުރައްވައެވެ.

ފުލުހުންގެ އޮޕަރޭޝަން މިހާރުވެސް ކުރިއަށްގެންދާތީ ޑިސެމްބަރު މަހުގެ 31އިން ފެށިގެން ކުރިއަށްގެންދާ މިއޮޕަރޭޝަނާގުޅޭ މަޢުލޫމާތު ފުލުހުން އަދި ހާމައެއްނުކުރައްވައެވެ. ފުލުހުން ކުރި ޓުވީޓެއްގައި ވިދާޅުވީ މި އޮޕަރޭޝަނަކީ އާއަހަރާ ދިމާކޮށް ޢާއްމުންގެ ރައްކާތެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް މާލެ ސަރަޙައްދުގައި ފެށި އޮޕަރޭޝަނެއްކަމަށެވެ. މާލެތެރެ ޕެޓްރޯލް ކުރުމުގެ ތެރޭގައި މީގެ ކުރިން ގެއްލިގެން ފުލުހުންނަށް ހުށައަޅާފައިވާ ސައިކަލެއްގައި ދިޔަ މީހަކު ހައްޔަރުކޮށް ސައިކަލުވަނީ ޓޯކޮށްފައެވެ.

ޕޮލިސް އިންޓެލްއާއި މާފުށީ ފުލުހުން ގުޅިގެން ޑިސެމްބަރު މަހުގެ 31ވަނަ ދުވަހު ހިނގި އޮޕަރޭޝަނެއްގައި މާފުށީ ފިހާރައެއް ބަލައިފާސްކުރަނިކޮށް މަސްތުވާތަކެތި ހުރި 108 ރަބަރު ޕެކެޓާއި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިކަމަށް ފުލުހުން ވިދާޅުވެއެވެ. މިމައްސަލައާއި ގުޅިގެން 25 އަހަރުގެ ބިދޭސީއަކުވަނީ ހައްޔަރުކޮށްފައެވެ. ހަމައެއާއެކު ޖެނުއަރީ 1 ވަނަ ދުވަހު ހެނދުނު ޅ.ނައިފަރުގައި ހިންގި އޮޕަރޭޝަނެއްގައި ޕާޓީ ޑްރަގްސްތަކަކާއެކުވެސް ދިވެހި ފިރިހެނަކުވަނީ ހައްޔަރުކޮށްފައެވެ. މިމައްސަލަވެސް ފުލުހުން އިތުރަށް ތަޙުގީގުކުރަމުން ދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ރެއިން ފެށިގެން މުޅި ރާއްޖޭގައި ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަނެއްގައި ބަނގުރާހުރި 500 އެމްއެލްގެ ފުޅިއަކާއެކު ލ.ގަމުންވެސް ފުލުހުންވަނީ ބަޔަކު ހައްޔަރުކޮށްފައެވެ. ޕޮލިސް އިންޓެލްއާއި ލ.ގަމު ޕޮލިސް ގުޅިގެން ކުރިއަށްގެންދިޔަ މިއޮޕަރޭޝަންގައި ޢުމުރުން 20 އަހަރާއި 40 އަހަރާއި ދެމެދުގެ 3 ދިވެހި ފިރިހެނުން ހައްޔަރުކޮށްފައިވާއިރު މިމައްސަލައިގައި 16 އަހަރުގެ އަންހެން ކުއްޖަކުވެސް ދެކުނު ފަރާތު ތުނޑީ ބަނދަރުން ހައްޔަރުކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.