ވިޔަފާރި

އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ހޫނު މަރުޚަބާއެއް


2020 ވަނަ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ޓޫރިޒަމް މިނިސްޓްރީންނާއި އެމްއެމްޕީއާރުސީން ހޫނު މަރުޚަބާއެއް ކިޔައިފިއެވެ.

އަަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، މިއަހަރު ރާއްޖެއަށް ފުރަތަމަ ޒިޔާރަތްކުރުމުގެ ޝަރަފު ލިބުނީ ބަހްރެއިންގެ ފަތުރުވެރިޔަކަށެވެ.

މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާކަމަށްވާ، ބަހްރެއިންގެ މުހައްމަދު ޖާސިމް ޚަލީލް ހުސައިންއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވި ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑީރެކްޓަރ ތޮއްޔިބް މުހައްމަދުއެވެ.

މިއީ މުޙައްމަދު ޖާސިމް ރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. އޭނާ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ ޒިޔާރަތްކޮށްފައިވަނީ އަންހެނުން ސާރާ ހިޝާމްއާއެކުއެވެ. އެ ދެމަފިރިންނަށް ވަނީ ފުރަވެރި އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތުވެސް ދީފައެވެ. މީގެ އިތުރުން އުރީދޫ މޯލްޑިވްސްގެ ފަރާތުން ޓޫރިސްޓް ސިމް ކާޑަކާއި ގިފްޓް ޕެކެއް ލިބިފައިވާއިރު އެމްއެމްޕީއާރުސީން ވަނީ ހަނދާނީ ފިލާއަކާއި ޚާއްސަ ހަދިޔާއެއް އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ދީފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ ޡައްޔިބު މުހައްމަދު ވިދާޅުވީ އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް އެކުންފުނިން މަރުޙަބާ ކިޔަނީ މިއަހަރު ވެސް ފަތުރުވެރިކަމުގައި ގިނަ ކާމިޔާބީތައް ހޯދުމުގެ އުއްމީދުގައިކަމަށެވެ. އަދި ބަޙްރެއިން އަކީ ރާއްޖެއަށް ފަތުރުވެރިން ގެނައުމުގައި މުހިއްމު މާކެޓެއްކަމަށާއި މި މާކެޓަށް އަމާޒުކޮށްގެން ކުރިއަށްއޮތް ތަނުގައި ގިނަ މަސައްކަތްތައް ކުރެވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިމަހުން ފެށިގެން ވޯގް އެރޭބިއާއާއި ގުޅިގެން ޕްރޮމޯޝަނަލް ޙަރަކާތްތަކެއް ކުރިއަށްދާނެކަމަށްވެސް ޡޮއްޔިބު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް މުހިއްމު މާކެޓެއް ބަޙްރެއިންއަކީ. ފަތުރުވެރިން އަންނަ މިންވަރު މަދުވިޔަސް އޭބޭފުޅުން ކުރާ ޚަރަދުތައް ވަރަށް ބޮޑުވާނެ. މި ދެންނެވީ ރަނގަޅު ޔީލްޑެއް ނެރެވޭ މާކެޓެކޭ. މި މަހު ވޯގް އެރޭބިއާއާއި އެއްކޮށް ސަޕްލިމެންޓެއް އަޅުގަނޑުމެން އިޝޫކުރާނެ. އެހިސާބުން މިޑިލް އީސްޓްގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްތައް ފެށުނީ." ޡޮއްޔިބު ވިދާޅުވިއެވެ.

މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަތުވެރިޔާއަށް ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ކޮންމެ އަހަރަކުވެސް ރާއްޖެ އަންނަ ފުރަތަމަ ފަތުރުވެރިޔާ ފާހަގަކޮށް އެމްއެމްޕީއާރުސީ އަދި ޓޫރިޒަމް މިނިސްޓްރީން ޚާއްސަ ޙަރަކާތްތައް ކުރިއަށްގެންދެއެވެ.