ޚަބަރު

އާ އަހަރަށް މަރުޙަބާ ކިޔަން ޚާއްސަ ޝޯއެއް ބާއްވައިފި


އާ އަހަރަށް މަރުޙަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީން ޚާއްސަ ޝޯއެއް ކާނިވާ ސަރަހައްދުގައި ބާއްވައިފިއެވެ.

މިއީ މިސަރުކާރު ވެރިކަމަށްއައި ފަހުން އާ އަހަރު ފާހަގަކުރުމަށް ބާއްވާ ފުރަތަމަ ޝޯވއެވެ. ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކުރާ، މި ޝޯވގައި ރާއްޖޭގެ މަޤްބޫލު ލަވަކިޔުންތެރިންކަމުގައިވާ ޝަލަބީ އިބްރާހީމް އާއި ޒާރާ މުޖްތަބާ އާއި މުހައްމަދު ޝިއުޒް އާއި ބޮޑުބެރު ބޭންޑެއް ކަމުގައިވާ "ނާބަ" ބޭންޑުގެ ފަރި ހުށަހެޅުންތައް ވަނީ ފެނިގެންގޮސްފައެވެ.

މި ޝޯ ބަލައިލުމަށް ކުދި ބޮޑު އެންމެން ކާނިވާ ސަރަހައްދަށް އެއްވިއިރު، މި ފަރާތްތަކުން ވަނީ އެފަރާތްތަކުގެ ޝުޢޫރު ޕީއެސްއެމް ނިއުސް ޓީމާ ޙިއްސާކުރިއެވެ. އެގޮތުން އެ ފަރާތްތަކުން އައު އަހަރާއިއެކު ގިނަ ކަންކަން ޙާސިލްކުރަން ބޭނުންވާކަން ހާމަކޮށްފައެވެ.

އާ އަހަރަށް މަރުހަބާ ކިޔުމަށް ޚާއްސަ ޝޯވއެއް ބާއްވާފައިވާއިރު، މީގެ ކުރީ އަހަރުތަކުގައިވެސް އާ އަހަރަށް މަރުހަބާ ކިޔުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެހެން އަހަރުތަކަކާއި ޚިލާފަށް މި އަހަރު މާލޭގައި ހަވާއެރުވުމުގެ އެއްވެސް ހަރަކާތެއް ކުރިއަށްގެންގޮސްފައި ނުވާއިރު، މި އަހަރު ރާއްޖޭގެ 40 ވުރެ ގިނަ ރިސޯޓުގައި ހަވާ ވަނީ އަރުވާފައެވެ. އަދި ހަމަ މިއާއެކު މާލޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޝޯގައި ލައިޓް ޝޯއެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.