ޚަބަރު

6 ރަށެއްގެ މަގުހެދުމަށް ސާރވޭ، ޑިޒައިން އަދި އީއައިއޭ ހެދުމަށް ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްފި


ހަ ރަށެއްގެ މަގުހެދުމުގެ މަޝްރޫއުގެ ސާރވޭއާއި ޑިޒައިން އަދި އީއައިއޭގެ މަސައްކަތް ކުރުމަށް ޕްލޭނިންގ މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ. މަގުހެދުމުގެ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ހއ.ކެލާ، ރ.އަލިފުށި، ރ.ހުޅުދުއްފާރު، މ.މުލި، ލ.ގަން އަދި ތ.ގުރައިދޫގައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރއިން މި މަސައްކަތް ހަވާލުކޮށްފައިވަނީ އަލް ހަބްޝީ އިންޖިނިއަރިން ކޮންސަލްޓެންޓްސް އޮފީސްއާއެވެ.

3.2 މިލިއަން ރުފިޔާއަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ، 120 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތުދެއްވާ.

މީގެ އިތުރުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ތ.ތިމަރަފުށީގެ ބޮޑެތި މަގުތަކާއި ގދ.ގައްދޫގެ ބޮޑެތި މަގުތައް ހެދުމަށް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަނާވަނީ ހަވާލުކޮށްފައެވެ. މި މަޝްރޫޢުތަކުގެ ތެރެއިން ތިމަރަފުށީގެ މަގުހެދުމަށް 75،704،226.92 ރުފިޔާ ޚަރަދު ކުރުމަށްވަނީ ހަމަޖެހިފައެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކުރުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ގައްދޫގެ މަގުތައް ހެދުމުގެ މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 138،738،153.42 ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 510 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.