ޚަބަރު

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ސަރުކާރުން ނިންމައިފި


އައްޑޫ ސިޓީގެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ސަރުކާރުން ނިންމައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލަން ނިންމިކަން ހެލްތު މިނިސްޓަރ ޢަބްދުއްﷲ އަމީންވަނީ ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދީފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ އައްޑޫގައި މިހާރު ތަރައްގީކުރަމުންދާ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހުޅުވުމުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލުމަށް ކަމަށެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހުޅުވާއިރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ މުވައްޒަފުންނާއި އެ ހޮސްޕިޓަލްގެ ވަސީލަތްތައް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކުރުމަށްވެސްވަނީ ނިންމާފައެވެ. އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ މަސައްކަތް ނިމި، ހުޅުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް ހުޅުވުމުގެ ތައްޔާރީތައް ވަމުންއަންނައިރު އެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވާނެ ތާރީޚެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަކީ 100 އެނދުގެ ޖާގައިގެ ހޮސްޕިޓަލެކެވެ. މީގެތެރޭގައި ޕްރައިވެޓް 6 ކޮޓަރިވެސް ހިމެނެއެވެ.

ހޮސްޕިޓަލް ހުޅުވާއިރު ފުރަތަމަ ފަށަނީ އާއްމު ބަލިތަކުގެ ޚިދުމަތްތައް ނަމަވެސް، ސްޕެޝަލިސްޓް ބައެއް ޑޮކްޓަރުންގެ ޚިދުމަތްވެސް ލިބޭނެކަމަށް ހޮސްޕިޓަލްގެ މެނޭޖްމަންޓުން ބުނެއެވެ.
ހޮސްޕިޓަލްގެ ޚިދުމަތް ފަށާއިރު 25 ސްޕެޝަލިސްޓް ޑޮކްޓަރުންނާއި 11 މެޑިކަލް އޮފިސަރުން ޚިދުމަތްދޭނެއެވެ. އަދި 73 ނަރުހުން މަސައްކަތްކުރާނެއެވެ.

ހޮސްޕިޓަލްގެ ޚިދުމަތްތައް މުޅިން ފެށުމުން ކާޑިއޯ، ޔޫރޮލޮޖީ، ރެސްޕިރެޓަރީ، ޑެންޓަލް، ރީޕްރޮޑަކްޓިވް ހެލްތު އަދި އެކި ކަހަލަ ތެރަޕީތައްވެސް ފަށާނެއެވެ. އަދި ބޮޑެތި ބަލިތަކަށް ތަޙްލީލްކުރުމާއި ބޮޑެތި އޮޕަރޭޝަންކުރުންވެސް ހޮސްޕިޓަލުގައި ކުރިއަށްދާނެއެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ އަތޮޅުތެރޭގައި ޤާއިމްކުރާ ފުރަތަމަ ޓަރޝަރީ ހޮސްޕިޓަލެވެ.