ކުޅިވަރު

ސްވިމިންގ ޕޫލް އަޅާ ބިން ސާފުކުރަން ފަށައިފި


މާލޭގައި އަޅާ އޮލިމްޕިކް ސައިޒުގެ ސްވިމިންގ ޕޫލް އަޅާ ބިން ސާފުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ސްވިމިންގ ޕޫލް އެޅުމަށް ހަމަޖެހިފައިވަނީ މާލޭގެ އެއް ނަމްބަރު ކުނިކޮށީގައެވެ. އާ ސަރުކާރުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ، މި މަސައްކަތް ފެށުން ލަސްވެގެން ދިޔައީ އެބިމަކީ އެހެން ފަރާތަކަށް ދީފައިވާ ބިމަކަށްވެފަ، އެމައްސަލަ އާބިޓްރޭޝަންގައި އޮތުމުގެ ސަބަބުންނެވެ.

ބިން ސާފުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮންޕެނީއާއެވެ.

ސްވިމިންގ ޕޫލް އަޅާ ބިން ސާފުކުރުމުގެ މަސައްކަތް ރަސްމީކޮށް ފެށުމާއި ގުޅޭގޮތުން ނޫސްވެރިންނާއި މައުލޫމަތު ދެއްވަމުން ޔޫތް މިނިސްޓަރ އަޙުމަދު މަހުލޫފް ވިދާޅުވީ، އަންނަ އަހަރު ސްވިމިންގ ޕޫލް އެޅުމުގެ މަސައްކަތް ފެށޭނެ ކަމަށާއި، އަދި އަންނަ އަހަރު ޕޫލްގެ މަސައްކަތް ނިންމާ ބޭނުން ކުރަން ފެށޭ ވަރު ވާނެކަމަށެވެ. 45 ވަނަ ޤައުމީ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ސްވިމިންގް ޕޫލުގައެވެ.

ސްވިމިންގ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޢަބްދުއްސައްތާރު ވިދާޅުވީ، މި މަސައްކަތަކީ ވަރަށް ގިނަ ދުވަހުގެ އިންތިޒާރުގެ ނިމުންކަމަށާއި، މި ޕޫލްގެ ސަބަބުން ފެތުންތެރިންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމަށެވެ. ޢަބްދުއްސައްތާރު ވިދާޅުވީ، ސްވިމިން ޕޫލް އަޅާ ބިން ސާފުކުރުން ފެބްރުއަރީ 15 ގެ ކުރިން ނިމި ހަމަ އެމަހުގެ ތެރޭގައި ޕޫލް އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެކަމަށެވެ.

މަސައްކަތް ފަށާތާ 8 މަހުގެ ތެރެގައި ނިމޭނެ ކަމަށް ލަފާކުރެވޭ މިޕޫލަކީ 50 މީޓަރު ދިގު، 25 މީޓަރު ފުޅާ މިނުގެ 10 ލޭން އޮންނަ ޕޫލެކެއެވެ. އަދި ވޯމްއަޕް ޕޫލެއްގެ ގޮތުގައި 25 މީޓަރުގެ 4 ލޭން އޮންނަ ޕޫލެއްވެސް އެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ފެތުންތެރިން ބޭނުން ކުރާނެ ޖިމަކާއި ކޯޗުން ތިބޭނެ ތަނެއްގެ އިތުރުން ސްވިމިންގ އެސޯސިއޭޝަންގެ އޮފީސްވެސް މިތަނުގައި ހިމޭނެކަމަށް ސައްތާރު ވިދާޅުވެވެ.

އޮލިމްޕިކް ސައިޒްގެ ސްވިމިން ޕޫލް ކޮމްޕްލެކްސްގެ އަމަލީ މަސައްކަތް ފެށިއިރު، 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބާއްވާއިރު، އެޕޫލަކީ މުބާރާތް ބޭއްވޭ ވަރުގެ އިންޓަނޭޝަނަލް ސްޓެންޑާޑްގެ ޕޫލަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން ވަޒީރު މީގެ ކުރިން ވަނީ ދެއްވާފައެވެ.