ކުޅިވަރު

ރިޒޭގެ ހެޓްރިކާއެކު އީގަލްސްއިން ނިލަންދޫ ބަލިކޮށްފި


އަޙުމަދު ރިޒުވާންގެ ހެޓްރިކާއެކު ކްލަބް އީގަލްސްއާއި ނިލަންދޫ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ދިވެހި ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގައި ނިލަންދޫގެ މައްޗަށް އީގަލްސް ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި އީގަލްސްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗުގެ 9 ވަނަ މިނެޓުގައެވެ. ލިބުނު ޕެނަލްޓީއަކުން މިލަނޑު ޖަހައިދިނީ އަޙުމަދު ރިޒުވާންއެވެ. ރިޒުވާން ލަނޑު ޖެހިތާ ހަތަރު މިނެޓު ފަހުން ހަސަން ރާއިފް އަހުމަދު (ހަންނަ) ނިލަންދޫގެ ގޯލާއި އަމާޒުކޮށް ފޮނުވާލި ބޯޅަ އެޓީމުގެ ސައްދާމް ހުސައިން ވަނީ ގޯލު ރޮނގުމަތިން ދިފާއުކޮށްފައެވެ. އަދި މެޗުގެ 31 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިޔާ ބޭރުގައި ހުރެ ރިޒްވާން ފޮނުވާލި ބާރު ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ނިލަންދޫ ޓީމުގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޓޮޝީކީ އޮކަމޯޓޯއަށް އީގަލްސްގެ ކީޕަރ ސުޖަން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ވަނީ ނިލަންދޫއަށް ޕެނަލްޓީއެއް ދީފައެވެ. ނަމަވެސް ނިލަންދޫގެ ޓޮޝީކީ އޮކަމޯޓޯ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ހުރަސް ދަނޑިއަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިލަންދޫއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. ނިލަންދޫގެ ކެޕްޓަން ފަރުހާދު އިސްމާއިލް ޕެނަލްޓީ އޭރިޔާތެރެއަށް ނަގައިދިން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ޓޮޝީކީ އޮކަމޯޓޯއެވެ.

އީގަލްސްއިން ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ މެޗުގެ 73 ވަނަ މިނެޓުގައި އަހުމަދު ރިޒުވާންއެވެ. ރިޒުވާން މި ލަނޑު ޖެހީ ހަސަން ރާއިފް އަހުމަދު ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްދިން ބޯޅައަކުންނެވެ. ނަމަވެސް އީގަލްސްއިން އިން ލީޑު ނެގިތާ 2 މިނެޓު ފަހުން ނިލަންދޫއަށް ލިބުނު ހިލޭ ޖެހުމަކުން އަނެއްކާވެސް އެޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. ނިލަންދޫގެ ކެޕްޓަން ފަރުހާދު އިސްމާއިލް ޕެނަލްޓީ އޭރިޔާ ތެރެއަށް ނަގައިންދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލީ އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ލަމްޕްޓޭ ސެމިއުލްއެވެ.

އީގަލްސްއިން މި މެޗުގައި ޖެހި ތިންވަނަ ލަނޑަކީ ހަސަން ރާއިފް އަހުމަދު ޕެނަލްޓީ އޭރިޔާ ތެރެއަށް ހުސްކޮށްދިން ބޯޅަ ނިލަންދޫގެ ފަރުހާދު އިސްމާއިލް ފައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެއެވެ. އަދި އީގަލްސްގެ 4 ވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ޖަހައި އަހުމަދު ރިޒުވާންވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 14 މެޗުން ހޯދި 27 ޕޮއިންޓާއެކު އީގަލްސް އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގައި މާޒިޔާ އޮތީ އެއް މެޗު އިތުރަށް ކުޅެގެން ހޯދި 38 ޕޮއިންޓާއެކުއެވެ. މި މެޗުން ބަލިވި ނިލަންދޫ ސްޕޯޓްސް ކްލަބް އޮތީ ތާވަލްގެ ހަތް ވަނައިގައެވެ.