މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫގެ ތަރައްޤީއަށް ހުރި ގޮންޖެހުންތަކުގެ ތެރެއިން ކައުންސިލަރުން ޙިއްޞާކުރެއްވި ކަންކަމުގައި ސަރުކާރުގެ މުއައްސަސާތަކާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ޙައްލުކުރެވެންހުރި މައްސަލަތަކުގައި އެރަށު ކައުންސިލަށް އެހީތެރިވެދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ކޮމަންޑޫ ކައުންސިލަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ކައުންސިލަރުންވަނީ ކޮމަންޑޫގެ ތަރައްޤީއަށް ކުރިޔަށް ރޭވިފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ. އެގޮތުން އެރަށު ފެނާ ނަރުދަމާގެ މަޝްރޫޢުގެ އިތުރުން ރަށުގެ އިންޖީނުގެ މީހުން ދިރިއުޅޭ ސަރަޙައްދާ ދުރަށް ބަދަލުކުރުމުގެ މަސައްކަތާއި ކޮމަންޑޫގެ ބިމުގެ ދަތިކަމަށް ޙައްލެއް ހޯދުމާބެހޭގޮތުން ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި މަޝްވަރާކުރައްވާފައެވެ.
ކޮމަންޑޫއަށް ދިމާވެފައިވާ މުހިއްމު ބައެއް އިތުރު ކަންކަމުގެ ގޮތުގައި ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ އަގުހެޔޮކުރުމާއި ރަށުގައި އުފެދޭ ކުނި ނައްތާލުމުގައި ހުރި ކަންބޮޑުވުންތައް، ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލަރުން ފާހަގަކުރެއްވި ބައެއް ކަންކަމަކީ މިހާރުވެސް އެކަންކަމަށް ޙައްލު ހޯއްދެވުމަށް މަސައްކަތް ކުރެވެމުންދާ ކަންތައްތައްކަން ފާހަގަކުރެއްވިއެވެ.