ވިޔަފާރި

އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން ވަރަށް ބޮޑަށް އިތުރުވެއްޖެ


މިއަހަރުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި އިންޑިއާ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާއިރު، އިންޑިއާއަކީ ރާއްޖޭގެ ޤައުމީ ތަރައްޤީއާއި ކުރިއެރުމުގައި މުހިންމު ޤައުމަކަށެވެ. އަދި މިއަދު އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައިވެސް މުހިންމު ޤައުމަކަށް މިވަނީ ވެފައެވެ.

އާބާދީގެ ގޮތުން ބަލާއިރު އިންޑިއާއަކީ މުޅިދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ރާއްޖެއަކީ އާބާދީގޮތުން ބަލާއިރު ވަރަށް ކުޑަކުޑަ ޤައުމެކެވެ. އެހެންނަމަވެސް ރާއްޖެ ފާހަގަކުރެވިފައިވަނީ ފަތުރުވެރިކަމުގެ ގޮތުން މުޅި ދުނިޔޭގައި ވެސް އެންމެ މަޝްހޫރު މަންޒިލްގެ ގޮތުގައެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިން ދާދިފަހަކާ ޖެހެންދެން ވަރަށް މަދުކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް މިކަން ބަދަލުވެ، މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައިވެސް އިންޑިއާ އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ ނިސްބަތް އިތުރުވާން ފެށީ 2007 ވަނަ އަހަރުން ފެށިގެންނެވެ.

މިއަހަރުގެ ފުރަތަމަ ދިހަ މަސްދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި އިންޑިއާގެ ފަތުރުވެރިންގެ އަދަދު ވަނީ އޭގެކުރީ އަހަރާއި އަޅާބަލާއިރު 103.4 އިންސައްތަ އިތުރުވެފައެވެ.

މިއަހަރުގެ ޖަނަވަރީމަހުން އޮކްޓޯބަރުމަހުގެ ނިޔަލަށް އިންޑިއާއިން ރާއްޖެއަށް 130،617 (އެއްލައްކަ ތިރީސްހާސް ހަސަތޭކަ ސަތާރަ) ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އަދި 2018 ވަނަ އަހަރު މިއަދަދު އުޅުނީ 64،224 (ފަސްދޮޅަސް ހަތަރުހާސް ދުއިސައްތަ ސައްވީސް) ގައެވެ. މިއީ 103.4 އިންސައްތަ އިތުރުވުމެކެވެ. މިއަހަރުގެ 9 މަސްދުވަހު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 9.4 އިންސައްތަ ހިއްސާކުރަނީވެސް އިންޑިއާ ފަތުރުވެރިންނެވެ.

މިދިޔަ ފަސް އަހަރަށް ބަލާއިރު އިންޑިއާ ޓޫރިސްޓުން އިތުރުވި ނިސްބަތް އުޅެނީ 20 އިންސައްތައިގައެވެ. މީގެކުރިން އިންޑިޔާ މީހުންނަށް ރާއްޖެއަކީ އަގުބޮޑު މަންޒިލެއްގެ ގޮތުގަ ވިސްނިފައި އޮތްނަމަވެސް މިހާރު މެދުފަންތީގެ ފަތުރުވެރިކަން ރާއްޖޭގައި ފުޅާވަމުން އައުމަކީ އިންޑިއާގެ ފަތުރުވެރިން އިތުރުވުމުގެ ސަބަބެއްކަމަށް ބެލެވެއެވެ.

އިންޑިއާއިން ރާއްޖެ އަންނަ އެއަރލައިންތައް އިތުރުވުމަކީވެސް އިންޑިޔާގެ ފަތުރުވެރިން އިތުރުވުމުގެ ސަބަބެއްކަމަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނެއެވެ. އިންޑިއާގެ ފަތުރުވެރިންގެ ނިސްބަތް އިތުރުވަމުންދިއުމާއެކު މިސަރަޙައްދުގެ ޤައުމުތަކުގެ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މެދުފަންތީގެ ފަތުރުވެރިކަމާއި، ގެސްޓުހައުސްތަކުގެ މަޤްބޫލުކަން އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ.