ޚަބަރު

ރިސޯޓްތަކުގެ މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު މިހާރަށްވުރެ ހަރުދަނާވާންޖެހޭ


ރިސޯޓްތަކުގެ މުވައްޒަފުންގެ މުސާރައާއި ސާވިސް ޗާޖު މިހާރަށްވުރެ ހަރުދަނާވާންޖެހޭ ކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަށްވާއިރު، މިސިނާއަތުގެ މަންފާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ލިބެންޖެހޭކަމަށެވެ. ސިނާއަތުގެ މަންފާ ރާއްޖޭގެ ރައްޔިތުންނަށް ލިބިގެންދާނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އާމްދަނީ ގިނަ ރައްޔިތުންނަށް ލިބިގެންކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ގޮންޖެހުންތައް ހައްލުކުރެއްވުމަށް މިނިސްޓަރ އަލީ ވަހީދު ކުރައްވާ މަސައްކަތްޕުޅުތަކަށް ތައުރީފް ކުރައްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ މައްސަލަތައް ހައްލުކުރެއްވުމަށް މިނިސްޓަރ އަލީ ވަހީދު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާކަމަށެވެ. އަދި މިނިސްޓަރ އަލީ ވަހީދާއެކު ސިޔާސީ މައިދާނުގައި ކުރެވުނު މަސައްކަތްތަކުން ރާއްޖޭގެ ރައްޔިތުންގެ މަސްލަހަތު އިސްކުރައްވާ މިންވަރާއި، ރައްޔިތުންގެ މަސްލަހަތުގައި އެމަނިކުފާނު ކުރައްވާ މަަސއްކަތް ވަރަށް ކައިރިން ފެނި ތަޖުރިބާ ކުރެވިފައިވާކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވާ އެމަނިކުފާނަށް އިތުބާރުއޮތްކަމަށް ރައްޔިތުންގެ މަޖިިލިހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ އިއްޔެ ވިދާޅުވެފައެވެ. އެގޮތުން މި ވޭތުވެދިޔަ އެއް އަހަރުގެތެރޭގައި ފަތުރުވެރިކަމާބެހޭ ވުޒާރާއަށް ހެޔޮބަދަލުތަލެއް އަންނަން ފަށާފައިވާކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

ފަތުރުވެރިކަމުން ރައްޔިތުންނަށް ލިބޭ މަސައްކަތާއި ވަޒީފާގެ ފުރުޞަތުތައް ޢާއްމުކޮށް އިތުރުކުރުމާއި، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ޞިނާޢަތުގެ ހިންގުމުގެ ދާއިރާގަ އާއި ފަންނީ މަޤާމުތަކުގައި ދިވެހިން ހިމެނޭ މިންވަރު އިތުރުކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި ރިޒޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހައްޤު މިންވަރު ފޯރުކޮށްދިނުމަކީ އަދުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.