ވިޔަފާރި

ރަޝިޔާގެ "އަޒުރު އެއަރ"ގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


ރަޝިއާގެ ޗާޓަރ އެއަރލައިނެއް ކަމަށްވާ "އަޒުރު އެއަރ"ގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

"އަޒުރު އެއަރ"ގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު، މިދަތުރުތައް ކުރާނީ ފަތުރުވެރިން އެންމެ ގިނައިން ރާއްޖެ އަންނަ ފިނި މޫސުމުގައި އެކަންޏެވެ.

"އަޒުރު އެއަރ"ގެ ފުރަތަމަ އެއަރލައިން ރާއްޖެ އައިސްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ. މި ދަތުރުގައި 400 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

މި އެއަރލައިންއަށް މަރުޙަބާ ކިޔުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ އިސްވެރިންނާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ އިސްވެރިންގެ ވަނީ ބައިވެރިވެފައެވެ.

އަޒުރު އެއަރއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ލޯކަލް ޓްރެވެލް އެޖެންސީއެއްގެ ގޮތުގައި މަސައްކަތް ކުރަނީ ރިސޯޓް ލައިފް މޯލްޑިވްސްއިންނެވެ.

އަޒުރު އެއަރގެ ދަތުރުތައް ރާއްޖެއަށް ކުރަނީ މޮސްކޯގެ ވިނުކޮވޯ އިންޓަނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށެވެ. އަޒުރު އެއަރލައިނުން ރާއްޖޭގެ އިތުރުން އެހެން ބައެއް ޤައުމުތަކަށްވެސް އަންނަނީ ޗާޓަރ ފުލައިޓްތައް ބާއްވަމުންނެވެ. އޭގެތެރޭގައި ޗައިނާ، އިންޑިއާ، މެކްސިކޯ، ސްޕެއިން، ތައިލޭންޑް، ވިއެޓްނާމް، ޔޫއޭއީ ހިމެނެއެވެ.

ރަޝިއާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ 6 ވަނަ މާކެޓެވެ. މިއަހަރުގެ އޮކްޓޯބަރު މަހާއި ހަމައަށް ރަޝިޔާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 16.3 އިންސައްތަ އިތުރުވެފައެވެ.