ޚަބަރު

ކައުންސިލްތަކަށް ބާރު ދިނުމަކީ ކޮރަޕްޝަން އިތުރުވާނެކަމެއް ނޫން - ޢަލީ ނިޔާޒް


ލޯކަލް ކައުންސިލްތަކާ ޕްރޮޖެކްޓްތައް ހިންގުން ޙަވާލުކުރުމަކީ ކޮރަޕްޝަން އިތުރުވާނެކަމެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށް ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަދި ހުޅުމާލެ ދައިރާގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ޢަލީ ނިޔާޒު ވިދާޅުވީ، ކައުންސިލްތަކަށް މާލީ ބާރުވެރިކަންދީ، ޕްރޮޖެކްޓް ހިންގުމުގެ ފުރުސަތު ދިން ނަމަވެސް، އެކަންކަން ކުރާނީ މާލިއްޔަތު ޤާނޫނުގައި ހިމެނޭ ކަންކަމަށް ރިއާޔަތްކޮށްކަމަށެވެ.

ކައުންސިލްތަކުން މަސައްކަތްތައް ބެލެހެއްޓިނަމަވެސް ޕްރޮޖެކްޓްތައް ދޫކުރާނީ، ކައުންސިލް މެދުވެރިކޮށް ބިޑް އުސޫލުން މަސައްކަތްތަކަށް ހުޅުވާލައިގެންކަމަށް ނިޒާޒު ވިދާޅުވިއެވެ. މިކަން ކުރިއަށްގެންދާނީ ޓެންޑަރ ކުރުމުގެ އުސޫލުތަކާއެކު ފިނޭނެސްއިން ޢާއްމުކޮށްފައިވާ ފައިސާ ބޭނުންކުރާނެގޮތުގެ އުސޫލާއި އެއްގޮތަށްކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

"މިކަމުގެ ސަބަބުން ފުރުސަތު އެބަލިބޭ ރަށުގެ ރައްޔިތުންނަށް ޕްރޮޖެކްޓްތައް ލިބުން. ރަށުގައި ވިޔަފާރިތަކާއި ވަޒީފާތައް އިތުރުވާނެ. އަދި ރަށެއްގައިވިއްޔާ މާބޮޑަށް ވާހަކަދެކެވޭނެކަމެއް ނުގަވައިދުން ދަންޏާ. އެހެންވީމާ އަޅުގަނޑު ދެކެނީ މިއީ ވަކިކޮރަޕްޝަނަށް ފަހިވާނެ ކަމަކަށް ނުވާނެކަމަށް." ޢާލީ ނިޔާޒު ވިދާޅުވިއެވެ.

ޢަލީ ނިޔާޒު ވިދާޅުވީ ކައުންސިލްތަކުގެ ހިންގާ މާލީ މުޢާމަލާތްތައް ޤަވާޢިދުތަކާ އެއްގޮތަށް ކުރިއަށްގެންދޭތޯ ބަލަމުންދާނެކަމަށެވެ. އަދި މާލެއަށް ބަރޯސާވާ ބަރޯސާވުން ކުޑަކޮށް، އަތޮޅު ކައުންސިލްތަކުން ފަންނީ މީހުންގެ އެހީ ކައުންސިލްތަކަށް ލިބޭނެގޮތް ހަދާނެކަމަށެވެ. މިފަދަ އެހީދޭނެ ފަރާތްތައް އުފެދުމާއިއެކު، ކައުންސުލްތަކުގެ މަސައްކަތްތައް ގާތުން މޮނިޓަރކުރުމުގެ ފުރުސަތު ލިބޭނެކަމަށް ނިޔާޒު ވިދާޅުވިއެވެ.

އިދާރީ ދާއިރާތަކުގެ ޤާނޫނާއިއެކު ކައުންސިލްތަކަށް ޖުމްލަ 1.4ބިލިއަން ރުފިޔާ ދިނުމަށްވަނީ ނިންމާފައެވެ. އަދި 5މިލިއަނަށްވުރެ ދަށް އަގުގައި ހިންގާ މަޝްރޫޢުތައް ކައުންސިލްތަކަށް ދީގެން ކުރިއަށްގެންދާގޮތަށްވަނީ ނިންމާފައެވެ.