ވިޔަފާރި

ވިޔަފާރިކޮށްގެން ހިލޭ ފިޔާ ލިބޭ ފުރުސަތެއް!


މި ދުވަސްވަރަކީ އޭޝިއާ ސަރަޙައްދުގައި ފިޔާގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ދުވަސްވަރެކެވެ. ރާއްޖޭގައި ވެސް ފިޔާގެ އަގު މިވަނީ ވަރަށް ބޮޑުވެފައެވެ. މި ދަނޑިވަޅުގައި އެންމެން ވެސް ބަލަނީ ވީހާވެސް މަދުން ފިޔާ ބޭނުންކޮށް، ފިޔަލަށް ކުރަން ޖެހޭ ޚަރަދު ވީހާވެސް ކުޑަކުރުމެވެ.

ފިޔަލުގެ އަގުބޮޑުވެފައިވާ މިދަނޑިވަޅުގައި ހުޅުމާލޭގެ ފިހާރައަކުން މިވަނީ އާންމުންނަށް ހިލޭ ފިޔާ ލިބޭނެ ފުރުސަތެއް ހުޅުވާލާފައެވެ.

"ބިއުޓީ ސްޓްރީޓް" ނަމަކަށް ކިޔާ މިފިހާރައަކީ ކޮސްމެޓިކްސްއާއި ޓޮއިލެޓްރިސްއަށް ޚާއްސަ ފިހާރައެކެވެ. މި ފިހާރައިން މިހާރު ވަނީ އެފިހާރައިން ކުރާ 100 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކަސްޓަމަރުންނަށް ހިލޭ ފިޔާ ލިބޭނެކަމަށް ބުނެފައެވެ.

މިއީ ރަނގަޅު މާކެޓިންގ އުކޫޅެކޭ ވެސް ބުނެވިދާނެއެވެ. އަދި ފިޔާގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް ދެވޭ ރަނގަޅު ހަދިޔާއެކޭވެސް ބުނެވިދާނެއެވެ.

ދެކުނު އޭޝިއާ ސަރަޙައްދުގައި ފިޔާގެ އަގު ބޮޑުވެފައި މިވަނީ މި ސަރަޙައްދުގައި އެންމެ ގިނައިން ފިޔާ އުފައްދާ އިންޑިއާގެ ފިޔާ ދަނޑުތައް ހަލާކުވުމާއި ގުޅިގެންނެވެ.

ފިޔާ ދަނޑުތައް ހަލާކުވެ ފުރަތަމަ އެޤައުމުން އޮތީ ފިޔާ އެކްސްޕޯޓުކުރުން ވެސް ހުއްޓާލާފައެވެ. އެހެންނަމަވެސް ބައެއް ޤައުމުތަކަށް އިންޑިއާއިން ދީފައިވާ ޚާއްސަ ކޯޓާތަކާއެކު އެޤައުމުން ދިޔައީ ފިޔާ އެކްސްޕޯޓުކުރަމުންނެވެ.

އެގޮތުން ރާއްޖެއަށް މިހާރުވެސް އެޤައުމުން ދަނީ ފިޔާ އެތެރެކުރަމުންނެވެ. އެހެންނަމަވެސް އަދިވެސް ފިޔާގެ އަގު ހަމައަގަކަށް ނުވެއްޓެއެވެ. މިހާރު ވެސް ރާއްޖޭގައި ފިޔާ ވިއްކަމުން ދަނީ 50 އާއި 60 އާއި ދެމެދުގެ އަގުތަކެއްގައެވެ. މާލޭގައި މި އަގުގައި ފިޔާ ވިއްކާއިރު ރަށްތަކުން ފިޔާ ވިއްކާ އަގު މިއަށްވުރެވެސް ބޮޑެވެ.