ދީން

ފިތުރު ޒަކާތް ބަލައިގަތުން ރޯދަމަހުގެ ފަހު ދުވަހަށް އިތުރުކޮށްފި


ރޯދަމަހުގެ ފަހު ދުވަހާއި ހަމައަށް ފިތުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް އިސްލާމީ މަރުކަޒުގައި ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އިސްލާމިކް މިނިސްޓްރީން ކުރިން ކަނޑައަޅާފައިވާގޮތުން ފިތުރު ޒަކާތް ބަލައިގަންނަ އެންމެ ފަހު ތާރީޚަކީ ރަމަޟާން މަހުގެ 27 ވަނަ ދުވަހުއެވެ. ނަމަވެސް އެ  މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީ މުހައްމަދު ދީދީ ވިދާޅުވީ ޒަކާތް ބަލައިގަތުން ރޯދަމަހުގެ ފަހު ދުވަހާ ހަމައަށް އިތުރުކޮށްފައިވަނީ ސީދާ އެ މިނިސްޓްރީގެ ކައުންޓަރުން ކަމަށާއި، އެސް އެމް އެސްއާއި، ބޭންކްތަކާއި، އެލައިޑް އަދި އެހެނިހެން ގޮތްގޮތުން ޒަކާތް ބަލައިގަތުން ހަތާވީސް ވަނަ ދުވަހު ބަންދުވާނެ ކަމަށެވެ.މިގޮތަށް ހަމަޖެއްސީ ވީހާވެސް ގިނަ ބަޔަކަށް ޒަކާތް ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ. މީގެ އިތުރުން ރޯދަމަހުގެ 28 އަދި 29 މި ދެދުވަހު ފަގީރުންގެ ގޮތުގައި ނަން ނޯޓް ކޮށްފައިވާ ފަރާތްތަކަށް ޒަކާތް ދޫކުރަން ފަށާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.