ކުޅިވަރު

ޗެމްޕިއަން ޓީސީ ބަލިކޮށް މާޒިޔާ އެއްވަނައިގައި 14 ޕޮއިންޓްގެ ލީޑެއް ނަގައިފި


ދިވެހި ޕްރިމިއަރ ލީގުގެ އެންމެފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ތާވަލްގެ އެއްވަނައިގައި 14 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

މި މެޗު މާޒިޔާއިން ކާމިޔާބުކުރީ 1-4 ގެ ނަތިޖާއަކުންނެވެ.

މި ނަތީޖާއާއެކު މާޒިޔާ އެއް ވަނައިގައި އޮތީ 15 މެޗުން 38 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އީގަލްސް އަށް 13 މެޗުން ވަނީ 24 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ 14 މެޗުން 23 ޕޮއިންޓާ އެކު އެވެ. ޓީސީ ހަތަރު ވަނައިގައި އޮތީ 12 މެޗުން 22 ޕޮއިންޓާ އެކު އެވެ.

މި މެޗު ފަށައިގެން މާޒިޔާއިން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ޓީސީގެ ގޯލާއި އަމާޒުކޮށް ހަމަލާއެއް ފޮނުވާލެވޭތޯ ވަރަށް މަސައްކަތްކޮށްފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހަމަލާ މާޒިޔާ އިން އުފެއްދީ ހަތް ވަނަ މިނިޓްގައެވެ. މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އަރިމަތިން ނަގައިދިން ބޯޅަ ބޭރުވީ ހުރަސްދަނޑީގައި ޖެހިފައެވެ.

މި މެޗުގައި ޓީސީ ސްޕޯޓްސް ކްލަބަށް މާޒިޔާގެ ގޯލާއި އަމާޒުކޮށް ބޯޅައެއް ފޮނުވާލެވުނީ މެޗުގެ 18 ވަނަ މިނެޓުގައެވެ. ކައުންޓަ އެޓޭކުގައި އިބްރާހިމް އައިޝަމް ބޯޅައާއެކު އޭރިޔާ ތެރެއަށްވަދެ ކުރިޔަށް ފޮނުވާލި ބޯޅަ މާޒިޔާގެ ގޯލް ކީޕަރ އޮވޭސް އަޒީޒީ ވަނީ މަތަކޮށްފައެވެ.

މި މެޗުގައި މާޒިޔާއިން ޖެހި ފުރަތަމަ ލަނޑު މެޗުގެ 52 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނި ބިދޭސީ ފޯވާޑް ކޯނެލިއަސް ސްޓެވާޓެވެ. އަދި އޭގެ އަށް މިނެޓު ފަހުން މާޒިޔާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މެޗުގެ 60 ވަނަ މިނެޓުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ފޮނުވާލި ބޯޅަ ގޯލުގެ ތެރެއަށްވަނީ ޓީސީގެ ގޯލްކީޕަރުގެ އަތުގައި ޖެހިފައެވެ. އެކަމަކު 75 ވަނަ މިނެޓުގައި ޓީސީން ވަނީ ގޯލެއް ކާމިޔާބުކޮށް ފަރަގު ކުޑަކޮށްފައެވެ. ހިލޭ ޖެހުމަކުން މި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އިސްމާއީލް އީސަ (މެސީ) އެވެ.

ޓީސީން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް އެ ޓީމުގެ ޑިފެންޑަރުން ހެދި ގޯހެއްގެ ފައިދާނަގައި އަސަދުﷲ ޢަބްދުﷲ ވަނީ މާޒިޔާގެ ތިންވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްފައެވެ. މާޒިޔާގެ ހަތަރުވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ.

ދިވެހި ޕްރިމިއަރ ލީގުގައި ދެން މެޗެއް ކުޅޭނީ އަންނަ އާދީއްތަ ދުވަހާއި ހޯމަ ދުވަހުއެވެ.