ޚަބަރު

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުުރުމުގެ ފުރުސަތު މިމަހުގެ 30ގައި ހުޅުވާލަނީ


ކައުންސިލް އިންތިޚާބްގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު މިމަހުގެ 30 ވަނަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީންވަނީ ކައުންސިލް އިންތިޚާބުގައި އެޕާޓީން ވާދަކުރާ ކެންޑިޑޭޓުންގެ ޕްރައިމަރީ ކުރިއަށް ގެންދާނެގޮތުގެ ޓައިމްލައިނެއް ނެރެފައެވެ. އިންތިޚާބްގައި ވާދަކުރުމުގެ ފުރުޞަތު މިމަހުގެ 30 ވަނަ ދުވަހު ހުޅުވާލާއިރު، ފައިނަލް ވޯޓާސްލިސްޓް އާންމުކުރުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 15 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު.

އެމްޑީޕީން ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމުންވެސްވަނީ އެޕާޓީގެ ޓިކެޓްގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖެނުއަރީ 25 ގެ ނިޔަލަށް ހުޅުވާލާފައެވެ. ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ އެމްއާރުއެމްގެ ޓިކެޓްގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކުން ފުރިހަމަނަމާއި، އައިޑީކާޑު ނަންބަރު ޖެެހުމަށްފަހު ވާދަކުރާ ދާއިރާއެއް އެގޭނެގޮތަށް އެޕާޓީއަށް އެންގެވުމަށްވަނީ އެދިވަޑައިގެންފައެވެ.

ކައުންސިލް އިންތިޚާބްގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީއާއި، އެމްއާރުއެމް ފިޔަވައި އެހެން ޕާޓީތަކަކުން އަދި ހުޅުވާލާފައެއްނުވެއެވެ. ޤާނޫނަށް ގެނައި ބަދަލުތަކާއެކު ކައުންސިލް އިންތިޚާބަށް ބޮޑެތި ބަދަކުތަކެއް އައިސްފައިވާއިރު، އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދާނެ ގޮތަކާއިމެދު އިލެކްޝަނުންދަނީ ސިޔާސީ ޕާޓީތަކާއި ކަމާއިގުޅުންހުރި މުޢައްސަސާތަކާއި ބައްދަލުކޮށް މަޝްވަރާކުރަމުންނެވެ.

ކައުންސިލް އިންތިޚާބްގެ ކަންކަން ކުރިއަށް ގެންދެވުމަށް އިލެކްޝަނުން ޓައިމްލައިނެއް ކަޑައަޅައިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އިންތިޚާބް ބޭއްވުމަށް އިލެކްޝަނުން ކަނޑައަޅާފައިވާ ތާރީޚަކީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހެވެ. ޤާނޫނަށް ގެނައި ބަދަލާއެކު މިފަހަރުގެ ކައުންސިލް އިންތިޚާބްގައި 980 މީހުން އިންތިޚާބްކުރެވިގެންދާނެއެވެ.