ސްކޫލުތަކުގެ ބޮޑު ޗުއްޓީ ދެބަޔަކަށް ބަހާލާއިގެން ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ބޮޑު ޗުއްޓީ އެކުލަވާލާފައިވާ ގޮތުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް އާއިލާއާއެކު ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ނުލިބޭކަމަށެވެ. އެހެންކަމުން މި ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ބޮޑު ޗުއްޓީ ދެބަޔަކަށް ބަހާލުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.
މި ބަދަލާއެކު އަންނަ އަހަރުގެ ފުރަތަމަ އަހަރީ ޗުއްޓީ ލިބޭނީ އެއްތިރީސް މެއި އިން އެގާރަ ޖޫންގެ ނިޔަލަށެވެ. އަދި ދެވަނަ އަހަރީ ޗުއްޓީ ލިބޭނީ ހައެއް ޑިސެމްބަރުން ހަތެއް ޖެނުއަރީގެ ނިޔަލަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިބަދަލާއެކު ރާއްޖޭގެ ހުރިހާ ސިނާޢަތްތަކުގައި ވަޒީފާއަދާކުރާ މީހުންނަށް އަހަރީ ޗުއްޓީ ލިބުމުގައި ދިމާވާ ދަތިތަކަށް ހައްލުލިބިގެންދާނެކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް އާއިލާއާއެކު އަހަރީ ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ނުލިބުމަކީ މިމުވައްޒަފުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ. ސްކޫލްތައް އަހަރީ ޗުއްޓީއަށް ބަންދުވާ ދުވަސްވަރަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަނެވެ. މި ދުވަސްތަކުގައި ރިސޯޓް މުވައްޒަފުންނަށް ޗުއްޓީ ލިބުމަކީ ދަތިކަމެކެވެ. މިއަހަރުގެ ތެރޭ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވެސް ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށް ދިމާވެފައިވާ މި މައްސަލަ ވަރަށް އަވަހަށް ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.