ކުޅިވަރު

ޓީސީގެ ޙާލަތު އަންނަނީ ރަނގަޅުވަމުން: ޝާޒްލީ


ދިވެހި ޕްރިމިއަރ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުގެ ޙާލަތު ރަނގަޅުވަމުން އަންނަކަމަށް އެޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ ބުނެފިއެވެ.

ޝާޒްލީ މީގެ ކުރިން ބުނެފައިވަނީ ޓީސީއާ ހަވާލުވީ އެޓީމު މިހާރު އޮތް ހާލަތު ދަނެގެން ކަމަށާއި، އޭނާގެ ޓާގެޓަކީ އޭއެފްސީ ކަޕްގައި ޓީސީއާއެކު ރަނގަޅު ނަތީޖާއެއް ނެރުން ކަމަށް. ޓީސީގެ ކުޅުންތެރިންނަށް މުސާރަ ނުދެވޭތީއާއެކު އެޓީމުން މީގެ ކުރިން ފަރިތަކުރުންތައް ކުރިއަށް ނުގެންދަން ނިންމި ނަމަވެސް، ފަހަކަށް އައިސް އެޓީމުން ވަނީ ކޮންމެވެސް ވަރަކަށް ޓީމުގެ ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.

ދިވެހި ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް މާޒިޔާއާއި ދެކޮޅަށް ނިކުތުމުގެކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ޝާޒްލީ ބުނީ، ޓީސީއާއި ހަވާލުވިއިރު ޓީމުގެ ހާލަތު އޮތީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. ނަމަވެސް މެނޭޖްމަންޓާއި ވާހަކަ ދެއްކުމަށްފަހު ޓީސީއާއި ހަވާލުވީ ރަނގަޅު ކުރިމަގެއް ބިނާކުރުމުގެ އުއްމީދުގައިކަމަށް ޝާޒްލީ ބުންޏެވެ. ޝާޒްލީ ބުނީ، މާ ބޮޑު ފަރިތަކުރުމެއްވެސްނެތި ޓީމާއިއެއްކޮށް އެންމެ ފަހުން ލީގުގައި ކުޅުނު ދެ މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވުމަކީ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

ޝާޒްލީ ބުނީ މެޗަށް ނުކުންނާނީ މާޒިޔާއަކީ ވަރުގަދަ ޓީމެއްކަން ދަނެގެން ކަމަށާއި، އެކަމަކު މި މެޗުން ޓީސީއަށްވެސް ފުރުސަތު އެބައޮތް ކަމަށެވެ. އަދި ޓީމުގެ ފަރިތަކުރުންތައް ރަނގަޅަށް ނުގެންދެވުނު ނަމަވެސް، މި މެޗާ ކުރިމަތިލާއިރު، ޓީސީ ޓީމުގެ ރޫހު ކުރިއަށްވުރެ ރަނގަޅު ކަމަށާއި، އެޓީމުގެ ހާލަތު މިހާރު ވަރަށް ބޮޑުތަނުން ރަނގަޅުވެފައިވާ ކަމަށްވެސް ޝާޒްލީ ބުންޏެވެ.

"ޕޮއިންޓް ޓޭބަލަށް ބަލާލާއިރު މާޒިޔާ އެމީހުން އެ އޮތް ހިސާބުން ޕޮއިންޓަށް ބަލާއިރު އިނގޭ ދެން ލީގުގެ އެންމެ ވަރުގަދަ ޓީމު. ދެން އެމީހުނާ ނުކުންނައިރު ޓީސީ ހަމަ ނުކުންނާނީ އެކަން އިނގިގެން. އެކަން ދަނެގެން. ދެން އެހެންނަމަވެސް ހަމަ ޓީސީއަށް ފުރުސަތު އެބައޮތް. ދެން ތިބުނާހެން މާ ބޮޑު ފަރިތަކުރުންތަކެއްވެސްނެތި ޓީމާއިއެއްކޮށް ނުކުމެ މިހާ ހިސާބަށް އައިރު ރަނގަޅު ރިޒަލްޓްއަކާއި އެއްކޮށް ޓީސީ މިހާރު މިއިނީ އައިއްސައި. ދެން ހަމައެއާއެއްކޮށް ޓީސީގެ ރޫހުވެސް ރަނގަޅުވެއްޖެ. ފޯމަކަށްވެސް އެޅެމުން އަންނަނީ. ދެން މިހާރު ހާލަތަށް ބަލާއިރު ހަވާލުވި އޮތްވަރަށް ވުރެއް ހަމަ މާބޮޑުތަންވެސް ރަނގަޅަށް މިއޮތީ." ޝާޒްލީ ބުންޏެވެ.

މާޒިޔާގެ ކޯޗު މަރުޖާން ސެކުލޮސްކީ ބުނީ، ޓީސީގެ ކޯޗުކަމާ ޝާޒް ހަވާލުވި ފަހުން ކުޅުނު ދެ މެޗުގައި އެ ޓީމުން ރަނގަޅު ކޮމްބިނޭޝަންތަކަކާ އެކު ރަނގަޅު ކުޅުމެއް ދައްކާފައިވާކަމަށެވެ. އަދި ޙާއްސަކޮށް ޓީސީން އެންމެ ފަހުން ކުޅުނު މެޗުގައި އެއް ކުޅުންތެރިޔަކު މަދުކޮށް ފަހަތުން އަރައި ދަ ގްރާންޑޭ އަތުން މޮޅުވި މެޗު ރަނގަޅުކަން ސެކުލޮސްކީ ފާހަގަކުރިއެވެ. ސެކުލޮސްކީ ބުނީ އެމީހުނަށް މުހިއްމީ މުހިއްމީ އަބަދުވެސް ކުރިއަށް އޮތް މެޗުކަމަށާއި، މި ވަގުތު ކުރާ ހުރިހާ ކަމެއް މި ކުރަނީ ވެސް ޓީސީ މެޗަށް ވިސްނައިގެންކަމަށެވެ.