ޚަބަރު

ހަރުކަށި ފިކުރާއި ވަކިވެގަތުމުގެ ގޮތްތައް ދޫކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި


ހަރުކަށި ފިކުރާއި، އެކަހެރިވުމާއި ވަކިވެގަތުމުގެ ގޮތްތައް ދޫކޮށް، އިޖްތިމާޢީ މިންގަނޑުގެ ތެރެއަށް ވަނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުތަކާއި ހިންގާ ހަރުކަށި ޢަމަލުތައް ހުއްޓުވުމަށް ހުރިހާ ދިވެހިން އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތްކުރުމަށް ރައީސްވަނީ ގޮވާލައްވާފައެވެ.
ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ތ.ވިލުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ،މުޅި ޤައުމުގެ ޙާލަތަށް ބަލާއިރު، ދިވެހިންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ކުރިއަށް ނެރެގެން ނޫނީ ޙައްލުކުރަން ދަތި ގިނަ މައްސަލަތަކެއް ދިވެހިންގެ ތެރޭގައި އެބަހުރިކަމަށެވެ.

އެފަދަ ބައެއް ކަންކަން ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، އޭގެތެރޭގައި ދީނުގެ ނަމުގައި ފަތުރާ ހަރުކަށި ފިކުރުތަކާއި ހިންގާ ހަރުކަށި ޢަމަލުތަކާއި، ދީނަށް އިހާނެތިކުރުމުގެ މައްސަލަތަކާއި، މާރާމާރީތަކާއި ގޭންގު ކުށްތަކާއި، މަސްތުވާތަކެތީ މައްސަލަތައް ހިމެނޭކަމަށެވެ.

އެފަދަ ކަންކަމަކީ ޤާނޫނުތައް ނެތިގެން، ނުވަތަ އަދަބުތައް ކަނޑައެޅިފައި ނެތިގެން ހިނގާ ކަންކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެބާވަތުގެ ކޮންމެ ކަމަކީވެސް، ފަރުދީ ޒިންމާއަށް އިހުމާލުވުމުގެ ނަތީޖާކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ ޢަޒުމަކަށް ހަދަންވީ، މިފަދަ ހުރިހާ ކަމަކަށް ފާޅުގައި ދެކޮޅު ހަދައި، އެފަދަ ކަންކަން ހުއްޓުވަން މަސައްކަތް ކުރުން. އެފަދަ ކަންކަން ސިއްރުނުކޮށް، ކަމާ ބެހޭ އިދާރާތަކާ އެފަދަ މަޢުލޫމާތު ޙިއްޞާކުރުން. މުޅި މުޖްތަމަޢު އެކުގައި މިފަދަ ކަންކަމާ ދެކޮޅަށް ތެދުވެގެން ނޫނީ، ކިތަންމެ ވަރަކަށް މިވާހަކަތައް ދެއްކިޔަސް، މިކަން ޙައްލެއް ނުވާނެ. ކުރިން މި ދެންނެވި ފަދަ ނޭއްގާނި ޢަމަލުތަކުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށްވެސް، އަޅުގަނޑު ދަންނަވާލަން އޮތީ، އަދި ވަގުތު ފާއިތެއް ނުވެޔޭ. މިހާރު ތިޔަ ހިނގާ ނުރަނގަޅު މަގު ދޫކޮށް، އިޞްލާޙްގެ މަގު ޚިޔާރު ކުރާށޭ. އެކަހެރިވުމާއި ވަކިވެގަތުމުގެ ގޮތްތައް ދޫކޮށް، އިޖްތިމާޢީ މިންގަނޑުގެ ތެރެއަށް ވަނުމަށް ސަމާލުކަންދޭށޭ. ތިޔަ އެންމެންނަކީ ވެސް ހަމަ މި ޤައުމުގެ ރައްޔިތުން. އެއްވެސް ރައްޔިތަކަށް ދެރަ ގޮތެއް ވުމަކީ، އަޅުގަނޑު އެދޭ ގޮތެއް ނޫން. އިޞްލާޙްގެ މަގު ޚިޔާރު ކުރުމުން، ދެދުނިޔޭގައިވެސް ލިބޭނީ ކާމިޔާބާއި ބާއްޖަވެރިކަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެއްބައިވަންތަކަމުގެ ދުވަހެއް ފާހަގަކުރާއިރު، އެއްބައިވާންޖެހިފައިވަނީ، އެފަދަ ކަންކަމާ ދެކޮޅަށްކަމަށް ވިދާޅުވެ އެމަނިކުފާނު ވަނީ އެންމެން އެއް ޢަޒުމެއްގައި، އެއް ރޫޙެއްގައި މަސައްކަތްކޮށް އެމައްސަލަތައް ޙައްލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.

މިޤައުމުގެ ހަމަޖެހުމާއި ޞުލްޙައާއި އަމާންކަން ދެމިއޮންނާނީ، އެކަންކަމަށް އިސްކަންދިން މިންވަރަކުން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.