ޚަބަރު

ދިވެހިންގެ އެއްބައިވަންތަކަން ވަރުގަދަކުރުމަށް ރައީސް ގޮވާލައްވައިފި


ދުނިޔެ ހޫނުވުމުގެ ސަބަބުން، ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވަމުންދާ ގެއްލުމާއި ޤުދުރަތީ ކާރިޘާތަކުގެ ނުރައްކާތަކުން އަރައިގަތުމަށް ދިވެހިންގެ އެއްބައިވަންތަކަން ކުރިއަށްވުރެ ބޮޑަށް ވަރުގަދަކުރަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ތ.ވިލުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ކޮޅުމަޑުލު ވިލުފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވދެއްކެވި ވާހަކަފުޅުގައި، ސުނާމީގެ ހިތާމަވެރި ކާރިޘާގައި ދިވެހި ރައްޔިތުން ދައްކައިދިނީ، ދިވެހިންގެ ހިތްތަކުގައި އެކަކު އަނެކަކާ މެދު އޮތް އޯގާތެރިކަމާއި އަޅައިލުންކަން ފާޙަގަކުރައްވާ ވަނީ ދިވެހިންގެ އެއްބައިވަންތަ ކަމަށްތަޢުރީފްކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ވިދާޅުވީ، އެދުވަހު ދިވެހިން ދައްކުވައިދިނީ މަޞްލަޙަތަށް ލޯބިކުރުމާއި، އަނެކުންނަށް އިސްކަން ދިނުމުގެ ރީތި ސިފަ ކަމަށާ، ސުނާމީގައި ގެއްލުން ލިބުނު އެހެން ބައެއް ޤައުމުތަކުގައި ހިނގައި ދިޔަ ފަދަ، ނޭއްގާނީ ޢަމަލުތަކެއް ރާއްޖޭގައި ނުހިނގީ، އދިވެހިންގެ ހިތުގައިވާ މަތިވެރި އިސްލާމީ ޢަޤީދާއާއި، މަތިވެރި ސިފައިގެ ސަބަބުންކަމަށެވެ.

"މި ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމަށް، 4.4 މިލިއަން ރުފިޔާގެ މަޝްރޫޢެއް ޕްލޭންކޮށްފައި މިހާރު އެބައޮތް. މިފެށޭ އަހަރުގެ ބަޖެޓްގައި އެފައިސާ އަޅުގަނޑުމެން ވާނީ ހިމަނާފައި. އަދި މިރަށުގައި ފަށާފައިވާ 56 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމުމަށް ވެސް، އަންނަ އަހަރުގެ ބަޖެޓްގައި މިހާރު ވަނީ ހިމެނިފައި. އޭގެ އިތުރުންވެސް މިރަށުގެ ތަރައްޤީގެ ބައެއް މަޝްރޫޢުތައް އަންނަ އަހަރުގެ ތެރޭގައި ކުރިއަށް ދާނެ. އޭގެ ތެރޭގައި އިޖްތިމާޢީ މަރުކަޒު ތަރައްޤީކުރުން، އައު ހޮސްޕިޓަލް ޢިމާރާތް ކުރުން،މިރަށު ފުޓްބޯޅަ ދަނޑާއި، ސްކޫލްގެ ދެ ބުރި ޢިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް، ނިންމުމަށް މިފެށޭ އަހަރުގެ ބަޖެޓްގައި ވާނީ ހިމެނިފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިވެހިންނަކީ، ޤުދުރަތީ ގޮތުން ކުރިމަތިވާ، މޫސުމީ ނުރައްކާތަކާ އަބަދުވެސް ކުރިމަތިލާންޖެހިފައިވާ ބައެއްކަމަށެވެ. މޫސުމީ ވިއްސާރައިގައި ގަދަވަޔާއި ބޯ ވާރޭގެ ސަބަބުން ރަށްރަށަށް ކޮންމެ އަހަރަކު އެތައް ގެއްލުންތަކެއް އެބަ ލިބޭކަމަށާއި، ރާއްޖެއާ ކައިރި ސަރަޙައްދުގައި އުފެދޭ ޠޫފާންތަކުގެ ނުސީދާ އަސަރު، މަދުން ނަމަވެސް ރާއްޖެއަށް ފޯރާކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ ރަށްރަށުގެ އެވްރެޖް އުސްމިނަކީ، ކަނޑުގެ ލޮނުގަނޑުން ފެށިގެން އެންމެ ދޮޅު މީޓަރުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިފައިވާ ގުދުރަތީ ކާރިޘާތަކާ ކުރިމަތިލާންޖެހުމުގެ ފުރުސަތު، އެހެން ޤައުމުތަކަށް ވުރެ ރާއްޖެއަށް ބޮޑުކަމަށެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 88 ރަށަށް ވުރެ ގިނަ ރަށަށާއި، ފަޅުރަށްތަކަށް ރަށް ގިރުމުގެ މައްސަލަ ކުރިމަތިވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

"ސުނާމީގެ އަސަރު ރާއްޖެއަށް ކުރި ގޮތާއި ކުރި މިންވަރަށް ބެލުމުން، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ، ރާއްޖެއަށް ކިހާ ނުރައްކާތެރި ކަމެއްކަން ވަޒަންކޮށްލެވޭނެ. ސުނާމީ އުފެދުނީ ރާއްޖެއާ 2500 ކިލޯމީޓަރު ދުރުގައި. އެހާ ދުރުގައި އުފެދުނު ސުނާމީއެއްގެ އަސަރު ރާއްޖެއަށް ކުރިއިރު، ރާއްޖޭގެ ބައެއް ރަށްރަށަށް، ބިމުން ފެށިގެން 14 ފޫޓު އުސްމިނަށް ލޮނުގަނޑު އުފުލިގެން ދިޔަ.ހަމައެކަނި މި ޙަޤީޤަތަށް ބަލައިލިޔަސް، ކަނޑުގެ ލޮނުގަނޑު އުފުލުމަކީ، ރާއްޖޭގެ ދެމިއޮތުމަށް ކުރިމަތިވާނެ ކިހާ ބޮޑު ނުރައްކަލެއްކަން، އަޅުގަނޑުމެންނަށް ވަޒަންކުރެވޭ. އެހެންވީމާ، މިފަދަ ހުރިހާ ނުރައްކާތަކާ ކުރިމަތިލުމުގައި، އަޅުގަނޑުމެންގެ އެއްބައިވަންތަކަށް ވަރަށް ބޮޑަށް ކުރިއަށް ނެރެން އެބަޖެހޭ." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ސުނާމީގެ ހިތާމަވެރި ކާރިޘާގައި ދިވެހި ރައްޔިތުން ދައްކައިދިންފަދަ ލޯތްބާއި އޯގާތެރިކަން ކުރިއަށް އޮތްތާގަވެސް ދެއްކުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.