ވިޔަފާރި

ރިސޯޓް ހަދަން ދޫކުރާ ރަށްތަކުގެ ބީލަން މަރުހަލާ ޖެނުއަރީމަހު ފަށާނެ


އަންނަ އަހަރު ފަތުރުވެރިކަމަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްތައް ބިޑްކުރުން އަންނަ ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ޕްރެސްކޮންފަރެންސެއްގައި މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ ރަށްތައް ޢިއުލާނުކޮށްފައިވީނަމަވެސް މި ރަށްތައް ބިޑްކުރުމަށް ހުޅުވާލާނީ އަންނަ ޖެނުއަރީމަހުން ފެށިގެންކަމަށެވެ. މިނިސްޓަރ ވިދާޅުވީ އޭގެ ކުރިން އެކި ވުޒާރާތަކާއި މަޝްވަރާކުރުމަށް ފަހު ނިންމަންޖެހޭ ނިންމުންތަކެއް އެބަހުރިކަމަށް. އަދި މިނިސްޓްރީގެ އުއްމީދަކީ އަންނަ އަހަރުގެ ކުރީކޮޅު ރަށްތައް ގެޒެޓްކުރެވި، ފުރަތަމަ ހަމަސް ދުވަހުގެ ތެރޭ ރަށްތައް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތްތައް ފެށުންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވީ އިންވެސްޓަރުންނަށް ފުރަތަމަ ރަށްތައް ހާމަކުރަން. އަޅުގަނޑުމެން ޓައިމްލައިނެއް ޝެއަރކުރުމަށްފަހު މި މަސައްކަތްކުރަނީ ޖެނުއަރީ މަހު ޕަބްލިކްއާއި ހަމައަށް ގެންނަން. އެނގިވަޑައިގަންނަވާނެ ބައެއް ރަށްރަށް އަޅުގަނޑުމެން އަބަޖެހޭ އެހެން ވުޒާރާތަކާއި މަޝްވަރާކުރަން ގެޒެޓްކުރުމުގެ ކުރިން. އެކަމަކު އިރާދަކުރެއްވިއްޔާ ޖެނުއަރީގައި އިޢުލާންކުރާނަން ޓައިމްލައިނެއް. މި ޓައިމްލައިނުން ފެންނަން އޮންނާނެ ކޮންދުވަކުތޯ ބިޑު ދޫކުރަނީ، އިވެލުއޭޝަން ކުރިއަށްދަނީ. އަޅުގަނޑުގެ ޓާގެޓަކީ މިއަންނަ އަހަރުގެ ކުރީކޮޅު މި ރަށްތަކުގެ ޢަމަލީ މަސައްކަތްތައް ފެށުން." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

އަންނަ އަހަރު ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ 27 ރަށަކާއި 1 ފަޅު އަދި މީހުން ދިރިއުޅޭ 12 ރަށެއް ކަނޑައަޅާފައެވެ. މިއީ ރިސޯޓު ތަރައްޤީކުރުމަށާއި ލޯކަލް ޓޫރިޒަމް އަދި އިންޓަގްރޭޓެޑް ޓޫރިޒަމްގެ މަޝްރޫޢުތަކަށް ސަރުކާރުން ކަނޑައަޅާފައިވާ ސަރަޙައްދުތަކެކެވެ.