ސުނާމީ ކާރިޘާއަށް މިއަދު މިވަނީ 15 އަހަރު ފުރިފައެވެ. އެދުވަހުގެ ހަނދާންތަކާއި އިޙްސާސްތަކަކީ އެކަމުގެ ތަޖުރިބާކުރި އެއްވެސް މީހެއްގެ ހަދާނުން ދުވަހަކުވެސް ފޮހެވިގެންދާނެކަމެއް ނޫނެވެ.
މިހާދިސާ ތަޖުރިބާކޮށްފައިވާ މީހުންގެ ތެރެއިން މިހާރުގެ ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނަރަލް ޢަބްދުﷲ ޝަމާލަކީ އެދުވަހު ޙާލުގައި ޖެހުނު ރައްޔިތުންނަށް އެހީފޯރުކޮށްދިނުމަށް އެންމެފުރަތަމަ ޢަމަލީގޮތުން ޙަރަކާތްތެރިވި ސިފައިންގެ ފައުޖުގެ އިސް ބޭފުޅެކެވެ. މިއަދުވެސް އެއިޙްސާސްތައް ތަޒާކަމާއެކު އެބަހުރިކަމަށް މޭޖާ ޖެނަރަލް ޢަބްދުﷲ ޝަމާލް ވިދާޅުވިއެވެ.
މިއަދު މިވަނީ، 2004ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26ވަނަ ދުވަހުގެ ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާއަކީ ރާއްޖޭގެ ތާރީހުގައިވެސް ދިމާވި ގުދުރަތީ އެންމެ ބޮޑު ކާރިޘާއެވެ. މިކާރިޘާގައި ހިނގައިދިޔަގޮތް ލޮލުން ފެނުނު ފަރާތްތަކާއި ކާރިޘާގައި އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތަކުން މިއަދު އެމަންޒަރުތައް ސިފަކުރަނީ ބިރުވެރި ހިއްދަތި ހަދާންތަކެއްގެ ގޮތުގައެވެ. ސުނާމީ ކާރިޘާގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރައްވާފައިވާ އެއްފަރާތަކީ ދިވެހި ރާއްޖޭގެ ގައުމީ ސަލާމަތީބާރެވެ.
އެހީތެރިކަން ފޯރުކޮށްދެއްވައި ހާދިސާގެ މަންޒަރު ކައިރިން ފެނުމުގެ ފުރުސަތު ލިބުނު އެއް ބޭފުޅަކީ މިހާރުގެ ޗީފް އޮފް ޑިފެންސްފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލެވެ. ސުނާމީ ކާރިޘާގެ ހަދާންތައް ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން ޗީފް ވިދާޅުވީ އެހާދިސާގެ ގިނަ ހަނދާންތަކަކީ ހިތުންފިލުވަން އުދަގޫ ހިތްދަތި ހަދާންތަކެއްކަމަށެވެ. ސުނާމީގެ ކާރިޘާ ހިނގިތާ ގިނަ އިރުތަކެއް ނުވަނީސް އޭރުގެ ޑިފެންސް މިނިސްޓަރ އިސްމާޢީލް ޝަފީޢާއި އޭރުގެ ޗީފް އޮފް ޑިފެންސްފޯސް މުޙައްމަދު ޒާހިރުގެ ބެލުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވެފައިވާ ގެއްލުން ދެނަގަނެ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ފެށްޓެވިކަމަށެވެ.
މިމަސައްކަތުގައި އެންމެ ފުރަތަމަ އެހީތެރިކަން ލިބުނީ ރާއްޖޭގައި އޭރު އޮތް ބޭރުޤައުމެއްގެ މަނަވަރަކުންކަމަށް ޝަމާލް ވިދާޅުވިއެވެ. އެމަނަވަރުގެ އެހީއަށް ސިފައިން އެދުމުން މަނަވަރުގައި އޮތް ހެލިކޮޕްޓަރުގެ އެހީގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޙާލަތުބަލައި އެހީތެރިކަން ފޯރުކޮށް ދެވުނުކަން ޝަމާލް ފާހަގަކުރެއްވިއެވެ.
ހެލިކޮޕްޓަރުގައި ރާއްޖޭގެ އެކިހިސާބުތަކަށް ދަތުރުކުރިއިރު ފެނިގެން ގޮސްފައިވަނީ ހިތްދަތިކަމާއި ހިތާމައިގެ މަންޒަރުތަކެއްކަމަށެވެ. ވަކިން ޚާއްސަކޮށް ތ.އަތޮޅުގެ ގިނަ ރަށްތަކެއްގެ ރައްޔިތުންނަށް ސުނާމީގެ އަސަރު ކޮށްފައިވާ މިންވަރާއި ސުނާމީގައި ލިބިފައިވާ ގެއްލުން އެހެން ހުރިހާ ހިސާބުތަކަށްވުރެ ބޮޑުކަން އެގުނުކަމަށް ޝަމާލް ފާހަގަކުރެއްވިއެވެ. ކާރިޘާ ކުރިމަތިވިދުވަހު ދެކުނުގެ އަތޮޅުތަކުން މުއާސަލާތީ ޚިދުމަތްތައް ކެނޑުމަކީވެސް ކުރިމަތިވި ވަރަށްބޮޑު ހާސްކަމެއްކަމަށް ޝަމާލް ވިދާޅުވިއެވެ.
ސުނާމީ ކާރިޘާއަށް 15 އަހަރު ވެފައިވާއިރު އެހާދިސާއިން ގިނަ ތަޖުރިބާތަކަކާއި ފިލާވަޅުތަކެއް ސިފައިންނަށްވެސް ލިބިފައިވާކަމަށް މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. އެތަޖުރިބާގެ އަލީގައި ޤުދުރަތީ ކާރިޘާތަކުގައި އަވަސް ޚިދުމަތް ފޯރުކޮށްދޭނެ ގޮތާއި ސިފައިން ޙަރަކާތްތެރިވާނެ ގޮތުގެ ގިނަ ތަމްރީންތަކެއް ހެދިފައިވާކަމަށްވެސް ޝަމާލް ވިދާޅުވިއެވެ.
ރާއްޖެ ޤުދުރަތީގޮތުން އުފެދިފައިވާގޮތުންވެސް ޤައުމުގެ %99 އަކީ ކަނޑެވެ. އެހެންކަމުން މޫސުން ގޯސްވާ ކޮންމެ ޙާލަތަކެއްގައި ރާއްޖޭއަށް އެކިވަރުގެ ގެއްލުންތައް ކުރިމަތިވެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކާ ޚިލާފަށް ރާއްޖެއަކީ ބިންތިރި ޤައުމަކަށްވުމުން މިފަދަ ކާރިސާތަކުން ސަލާމަތްވުމަށް ދުރާލައި އަޅަންޖެހޭ ފިޔަވަޅުއަޅައި ހާދިސާތަކުން ލިބޭ ގެއްލުންކުޑަކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރުމަކީވެސް ސަރުކަރުން އަމާޒު ކަނޑައަޅުއްވާފައިކަމެކެވެ.