ޚަބަރު

މަފާޒްގެ މަރާއި ގުޅިގެން 3 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ


މިދިޔަ އަހަރު ފަހުކޮޅު މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މަރާލި ސ މަރަދޫ ހުދުހިރި އަހްމަދު މަފާޒްގެ މަރާލިކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ.މަފާޒްގެ މަރާއި ގުޅިގެން ދައުލަތުން ދައުވާކުރާ ތިން މީހުންނަކީ ހ. ބުލޫބާރޑް ގޭ އުމުރުން އެކާވީސް އަހަރުގެ މުހައްމަދު މިދްހަތާއި، ފުވައްމުލަކު ލާސާނީ އުމުރުން ތޭވީސް އަހަރުގެ ވިޝާހް ރަޝީދްއާއި، ހ. އީމާން މަންޒިލް އުމުރުން ސައްބިސް އަހަރުގެ އަހްމަދު ސައީދްގެ މައްޗަށެވެ. ދައުލަތުގެ ދައުވާގައި ބުނެފައިވަނީ މި ތިންމީހުން އިތުރު ބަޔަކާއި އެކު މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ ހަވަނަދުވަހުގެރޭ ގ. މަސްއޮޑިގޭ ދޮށަށް ގޮސް އެތާ ތިބި މީހުން ފަހަތުން ދުވެ މީހުންނަށާއި ތަކެއްޗަށް ގެއްލުން ދީފައިވާކަމަށެވެ. އަދި މި ތިންމީހުންގެ ތެރެއިން ވިޝާހްއާއި މިދްހަތު މީހުން ފަހަތުން ދުވެފައިވަނީ ދިގު ކަނޑިއެއް ހިފައިގެންކަމަށާއި އެގޭތެރެއިން ބަޔަކު ފިލަން މަސްއޮޑިގެ އަށް ވަނުމުން އެގޭގެ ދޮރުގައި ތަޅާހަދާފައިވާކަމަށެވެ. އަދި މި ހަމަނުޖެހުމުގެ ތެރޭގައި އަހްމަދު މަފާޒަށް ހަމަލާދިނުމުން އޭނާ މަރުވެފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައި ބުނެފައިވެއެވެ.މި މައްސަލާގައި ހިމެނޭ ތިން މީހުންގެ ތެރެއިން ވިޝާހް ރަޝީދު ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގައި މަރުވެފައެވެ. ނިދި ގޮތަށް ހޭނުލައިގެން ބެލި އިރު މަރުވެފައި އޮތް ވިޝާހްގެ މަރުގެ މައުލޫމާތު ރަސްމީކޮށް ކޯޓަށް ހުށައެޅުމަށް މައްސަލަ ބައްލަވާ ގާޒީ ޕީޖީގެ އޮފީހަށް މިއަދު އަންގާފައިވެއެވެ.މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލީ ދައުވާ ލިބޭ މީހުނަށް ވަކީލަކު އައްޔަންކުރުމަށް ފަސްދުވަހުގެ މުއްދަތެއް ދިނުމަށް ފަހުގައެވެ.