ދީން

މާދަމާ ރާއްޖޭގެ ހުރިހާ ބޮޑެތި މިސްކިތްތަކެއްގައި ކޭތަ ނަމާދުކުރަނީ


މާދަމާ ހިފާ އިރުކޭތައާއި ގުޅިގެން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާދަމާ ކޭތަ ނަމާދުކުރުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:50 ގައި ކޮންމެ ރަށެއްގެވެސް އެންމެ ބޮޑު މިސްކިތުގައިކަމަށެވެ. މާލެ ސިޓީގައި ކޭތަނަމާދު ކުރާނީ އިސްލާމީ މަރުކަޒު، ވިލިމާލޭގައި ހުންނަ މަސްޖިދުލް ބިއްރި، ހުޅުމާލޭގައި ހުންނަ މަސްޖިދުއް ޝައިޚް ގާސިމް ބިން މުޙައްމަދު އާލް ޘާނީގައި ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ކޭތަ ނަމާދަކީ އިރުކޭތަ ނުވަތަ ހަނދުކޭތަ ހިފަން ފެށުމުން އެ ވީއްލުމާއި ދެމެދުގައި ކުރެވޭ ނަމާދެކެވެ. ކޭތަ ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. އެނަމާދު ކުރުން ސުންނަތްވެގެންވާ ގޮތަކީ ކޭތަހިފަން ފެށުމުން މިސްކިތުގައި ޖަމާއަތުގައެވެ.

މިއަހަރު ހިފާ އެންމެ ފަހު އިރުކޭތަ ރާއްޖެއަށް ފެންނަން ހުންނާނީ މާދަމާ ހެނދުނު 07:40 އިން ފެށިގެން 10:00 އަށް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. "ރިންގް އޮފް ފަޔަރ"ގެ ނަން ދީފައިވާ މި އިރުކޭތަ އެންމެ ބޮޑަށް ހިފާފައި ހުއްޓާ ރާއްޖެއަށް ފެންނާނީ ހެނދުނު 8:30 ން ފެށިގެން 9:30 އާ ދެމެދުއެވެ. ނަމަވެސް ރާއްޖެއަށް ފެންނާނީ އަލިފަނޑުކޮށް ބައިކޭތަ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

އިރުކޭތަ ހިފަނީ ދުނިޔެއާއި އިރާ ދޭތެރެއަށް ހަނދު ވަނުމުންނެވެ. އެންމެ ބޮޑަށް އިރުކޭތަ ހިފުމުން އިރު ފެންނާނީ އަނގޮޓިއެއް ހެން ވަށްކޮށެވެ. ރާއްޖެއަށް އެންމެފަހުން އިރުކޭތަ ހިފާފައިހުއްޓާ ފެނިފައިވަނީ 2017 ވަނަ އަހަރުއެވެ.