ޚަބަރު

މާފުށީގެ ބިންހިއްކުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފި


ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުންއަންނަ ކ.މާފުށީގެ ބިންހިއްކުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މާފުށީ ބިންހިއްކުމުގެ މިމަޝްރޫޢުގެ މަސައްކަތަކީ ދައުލަތުގެ ބަޖެޓުން 99 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މާފުށީގައި ބިންހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ މުހަންމަދު ޝިހާބުއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މުހަންމަދު ޝިހާބު ވިދާޅުވީ މިސަރުކާރަކީ ވައުދުވެ ވައުދު ފުއްދާ ސަރުކާރެއް ކަމަށެވެ. ޝިހާބު ވިދާޅުވީ މާފުށީގެ ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޅި ރާއްޖެއާއި ސަރުކާރަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށެވެ.

މާފުށި ބިން ހިއްކުމުގެ މަޝްރޫ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހަންމަދު އަސްލަމް ވިދާޅުވީ މިމަޝްރޫއަކީ މާފުށީގެ މުސްތަގުބަލާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫޢެއް ކަމަށެވެ. އެގޮތުން މާފުއްޓަކީ ދައުލަތަށް ބޮޑު އާމްދަނީއެއް ވައްދާ، އަދި އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުންތަކެއް ހޯދަމުން އަންނަ ރަށެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ހިއްކިގެންދާ މިބިމުގެ ސަބަބުން ރަށުގެ ތަރައްޤީއަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ. ރިސޯޓް ކޮންސެޕްޓަށް ފަރުމާކޮށްފައިވާ މާފުށީގެ ބިން ހިއްކާ ސަރަހައްދަށް އިޝާރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ ބިންހިއްކުމުގެ ޑިޒައިންތަކަށްވެސް ބަދަލުގެންނަން ވެއްޖެކަމަށެވެ.

މިިނިސްޓަރ އަސްލަމް ވިދާޅުވީ ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއް ދީގެން މިފަދަ މަޝްރޫޢުތައް ކުރިއަށްގެންދިއުން މުހިންމު ކަމަށެވެ. އެގޮތުން ބިން ފެހި ކުރުމަށް ޚާއްސަ ސަމާލުކަމެއްދިނުމަށާއި، މަސައްކަތުގެ ތެރެއިންވެސް ތިމާވެއްޓަށް އަންނަ ބަދަލުތައް ބަލަމުން ދިއުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.

ދައުލަތުގެ ބަޖެޓުން ނުވަދިހަ ނުވަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މި މަސައްކަތް 75 ދުވަހުގެ ތެރޭގައި ނިންމާނެކަމުގެ ޔަގީންކަން އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވަނީ ދެއްވާފައެވެ. ޝާހު ވިދާޅުވީ މަސައްކަތް ބައްޓަން ކޮށްފައިވާނީ ރައްޔިތުންނާއި މަޝްވަރާކޮށް ރައްޔިތުން ބޭނުންވި ކޮންސެޕްޓަށް ކަމަށެވެ. މި މަޝްރޫޢުގެ ދަށުން އެރަށުގެ 25 ހެކްޓަރުގެ ބިން ހިއްކާ، 1110 މީޓަރުގެ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ.

މާފުއްޓަށް ދިމާވެފައިވާ ގެދޮރުގެ ދަތިކަމަށް ހައްލުހޯދުމުގެ ގޮތުން އެރަށު ފަޅުން ބައެއް ހިއްކުމުގެ މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހަންމަދު ސާލިހުގެ ރިޔާސީ ވަޢުދެކެވެ. ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ކުރަމުންއަންނަ މާފުށީގައި މާފުށީގައި ހިއްކަމުންދާ ބިން އެކި ކަންކަމަށް ބޭނުންކުރުމަށް ގިނަ ޕްލޭންތަކެއްވަނީ ކޮށްފައެވެ. އެގޮތުން ލޯކަލް ޓޫރިޒަމާއިި ގޯތި ގެދޮރު ދޫކުރުމާއި ވިޔަފާރިއާއި މިނޫންވެސް ކަންކަމަށް ބިން ކަނޑައެޅުމަށްވަނީ ޕްލޭންކޮށްފައެވެ.