ކުޅިވަރު

ސެގާޓް ވަކިކުރީ ސާފް ގޭމްސްއިން ރަން މެޑަލް ނުލިބުމުން: ބައްސާމް


ގައުމީ ފުޓުބޯޅަ ޓީމުގެ ކުރީގެ ކޯޗް ޕީޓަރ ސެގާޓް މަގާމުން ވަކިކުރީ ސާފް ގޭމްސްގައި ހަވާލުކުރި ޓާގެޓް ހާސިލްނުވުމުން ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރ ކަމުގެ މަގާމަށް އިނގިރޭސިވިލާތުގެ ޖުޑާން އަލީ ހަމަޖައްސައި އެއްބަސްވުމުގައި ސޮއެކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ބައްސާމް ވިދާޅުވީ، ސެގާޓް މަގާމުން ވަކިކުރީ އެންމެ އެކަށީގެންވާ ވަގުތުގައިކަމަށާއި، އެކަންކުރަން ލަސްވި ކަމަށް ގަބޫލު ނުކުރާކަމަށެވެ. އެގޮތުން ސެގާޓް މަގާމުން ވަކިކުރީ އޭނާއަށް އެކަށީގެންވާ ވަރަށް ވަގުތު ދިނުމަށްފަހު ކަމަށް ބައްސާމް ފާހަގަކުރެއްވިއެވެ.

ބައްސާމް ވިދާޅުވީ ސެގާޓްއާއި އެންމެ ފުރަތަމަ ހަވާލުކުރެނު މަސައްކަތަކީ މުސްތަޤުބަލަށް ރަނގަޅު ޓީމެއް ބިނާކުރުންކަމަށާއި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުން މަޖުބޫރު ނޫންކަމަށް ބުނެފައިވާނެކަމަށެވެ. ނަމަވެސް ޒުވާން ސްކޮޑަކާއިއެކު ގޮސް މުބާރާތް ކާމިޔާބުކުރީ ކަމަށާއި ދެން އޭނާ އާއި ހަވާލުކުރީ އޭޝިއަން ކަޕަށް ރާއްޖެ ކޮލިފައިކޮށްދޭން ކަމަށެވެ.

ބައްސާމް ވިދާޅުވީ އެމަސައްކަތުގައި އަދިވެސް އުންމީދު އެބައޮތް ކަމަށާއި، ނަމަވެސް މަގާމުން ވަކިކުރީ ޒުވާން ސްކޮޑަކާއިއެކު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވުނުއިރު، ސާފް ގޭމްސްގައި ސަރަހައްދީ ގައުމުތަކުގެ ޒުވާން ޓީމުތަކާއި ވާދަކޮށް މެޗަކުން މޮޅުނުވެ މުބާރާތް ނިންމާލަން ޖެހުމުން ކަމަށެވެ.

ޤައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުން އެންމެފަހުން ވަކިކުރި ޕީޓާ ސެގާޓް މަގާމުން ބޭރުކުރުމަށް ގޮވާލައި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ މީގެ ކުރިން ނުރުހުން ފާޅުކޮށްފައެވެ. އެގޮތުން އެންމެ ބޮޑަށް މައްސަލަ ގޯސްވެގެންދިޔައީ ކުރީގެ ޤައުމީ ކެޕްޓަން އަލީ އަޝްފާގް ގައުމީ ސްކޮޑުން ބާކީކުރި ހިސާބުންނެވެ. އޭރު ގިނަ ބަޔަކު ދިޔައި އަޝްފާގްއަށް ގައުމީ ޓީމުން ޖާގަ ނުދެނީ ޒާތީ މައްސަލަތަކަކާއި ގުޅިގެންކަމަށް ސިފަކުރަމުންނެވެ.