ޚަބަރު

ސުނާމީއަށް 15 އަހަރު ފުރުނު އިރު އެހަނދާނުގައި އަދިވެސް ލޯތައް ތެމިފައި


ފެންނަން އޮތް ދިވެހިރާއްޖޭގެ ދެހާސް ފަސްސަތޭކަ އަހަރަށް ވުރެ ދިގު ތާރީޚުގައިވެސް ރެކޯޑް ކުރެވިފައިވާ އެންމެ ހިތާމަވެރި އަދި އެންމެ ގިނަ ބަޔަކު އެއްފަހަރާ މަރުވި ހިތާމަވެރި ކާރިސާ އަކީ، 26 ޑިސެމްބަރު 2004 ގައި ހިނގި ސުނާމީ ކާރިސާއެވެ.

82 މީހުން މަރުވެ 26 މީހުން ގެއްލުނު އެކާރިސާއަކީ، ރާއްޖޭގެ އުމުރާނީ ތަރައްޤީ އާއި އިޤުތިޞާދު ފުނޑުފުނޑުވެ، ޤައުމުގެ ތަރައްޤީ އެތައް އަހަރެއް ފަހަތަށް ސޮއްސާލި ބިރުވެރި ކާރިސާއެކެވެ.

އިންޑޮނޭޝިއާގެ ސުމަޓްރާގެ ކަނޑު އަޑިއަށް އައި ރިކްޓަރ މިންގަނޑުން 9.1ގެ ބާރުގަދަ ބިންހެލުމާއި ގުޅިގެން އުފެދުނު ގުޑުންތައް 8 މިނިޓާއި 10 މިނިޓާއި ދެމެދަށް ދެމިގެން ދިޔައިރު، މިބިން ހެލުމުގައި މުޅި ދުނިޔެ ވައިބްރޭޓްވިއެވެ. ރާއްޖޭގެ ގަޑިން 5:58 ގައި އައި ބިންހެލުމާއި ގުޅިން ސުނާމީގެ ބިޔަރާޅުތައް އުފެދުނު އިރު، ރާޅުތަކުގެ އުސްމިނުގައި 50 ފޫޓާއި 160 ފޫޓާއި ދެމެދުގެ އުސްމިން ހުރި އިރު ރާއްޖެއަށް ސުނާމީގެ ރާޅުތައް އަރަންފެށީ ހެނދުނު 9:20 ގައެވެ.

އެހާތަނަށް ވެސް ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ސުނާމީ އަކީ ކޮބައިކަން އެނގިފައި ނުވާތީ، އެތައް ބަޔަކު ތިބީ ވާނުވާގޮތެއް ނޭނގިފައެވެ.

ސުނާމީ ކާރިސާއަށް 15 އަހަރު ފުރިގެން ދާއިރު، މި ހާދިސާ ތަޖުރިބާ ކުރި ބ. އޭދަފުއްޓަށް އުފަން ނިއުމާ އަހުމަދަށްވެސް އެހަނދާންތަކާއި ވަތްކެއް ނުވެވުނެވެ. ރަށުގެ ކުޑަކަތީބު ކަމުގެ މަޤާމުގައި އޭރު ހުންނެވި ނިއުމާ ވިދާޅުވީ ސުނާމީއަކީ ކޮންއެއްޗެއްކަން އޭރު އެނގިފައނުވާ ކަމަށާއި، ރާޅު އަރައިގެން އަންނަ އަޑު ސިފަކުރެވުނީ ފެންތާނގީއެއް ހިއްކާ އަޑުގެ ގޮތުގައިކަމަށެވެ.

"ރަށުގެ އުތުރުފަރާތަށް ދުއްވައިގަތް އިރު އެއްވެސް ވަރަކަށް ކަމަކު ދާކަށް ނެތް. ފެނުނީ ރަށު ރައްޔިތުން ތެޅި ފޮޅޭ މަންޒަރު. ރަށްކައިރި ފަޅުތެރޭ އޮތް ދޯނިތަށް ރަށުތެރެއަށް ބަންޑުން ޖަހާލައިފައި އޮތް މަންޒަރު ފެނި އިނީ ހަމަ ހަދާނެގޮތެއްވެސް ނޭނގި ހުއްޓިފައި. އެއްގަމު ތޮއްޓާއި ރަށު ފާލަން ފުނޑުފުނޑުވީ އަޅުގަނޑު ކުރިމަތީގައި." ނިއުމާ ވިދާޅުވި އެވެ.

ބ އަތޮޅު ކައުންސިލް އިދާރާގައި މަސައްކަތް ކުރައްވާ މޫސާ ފާއިޒު ވިދާޅުވީ ކަމެއް ވީކަންވެސް އެނގިވަޑައިގަތީ އޮފީހަށް އައި ފޯނު ކޯލަކުންކަމަށެވެ. ފޯނަށް ރަނގަޅަށް ޖަވާބު ނުދެވި އުޅެނިކޮށް ފޯނު ކެނޑުނީ ކަމަށާއި، ދެން ފެނުނީ އަރައިގެން އައި ބިޔަ ރާޅުކަމުގައި އޭނާ ވިދާޅު ވިއެވެ.

ފާއިޒް ވިދާޅުވީ، ބަނދަރާއި ދިމާއި ރާޅުގަނޑު އަރައިގެން އަންނަ މަންޒަރު ފެނި ބަނދަރާއި ދާދި ގާތުގައި ހުރި އޭނާގެ މައިންބަފައިން ދިރިއުޅޭގެއަށް ދާން މަސައްކަތް ކުރެއްވި ކަމަށެވެ. މި ޙާދިސާގައި ފާއިޒްގެ ދޯނި ގެއްލުނު ނަމަވެސް އާއިލާގެ މީހުންނަށް ގެއްލުމެއް ނުލިބި ސަލާމަތްވީތީ އޭނާ އުފާކުރެއެވެ.

ބ. އޭދަފުއްޓަށް އެރި "ބޮޑު ރާޅު" އެންމެ ގާތުން ފެނުނު އެކަކީ، ބ އަތޮޅު އޮފީހުގައި މަސައްކަތްކުރި އަބްދުލް މަޖީދު ހަސަނެވެ. އޭނާއަށް އެދުވަހު ފެނުނު މަންޒަރުތަށް ޕީއެސްއެމް ނިއުސްއާއި ހިއްސާކުރީ އަސަރާއި އެކުގައެވެ. ރާޅުއެރި އިރު ބަނދަރުމަތީގައި ހުރި އަބުދުލްމަޖީދުގެ ތުއްތު ދެ ކުދިން ސަލާމަތްކުރަން ދުއްވައިގަތް ވަގުތު ބަނދަރުމަތިން ދެން ފެނުނު މަންޒަރުން ހަދާނެ ގޮތް ހުސްވިއެވެ. ބަނދަރުން ފުރި ދޯންޏެއް ބަންޑުން ޖަހާލި މަންޒަރު ފެނި ހަދާނެ ގޮތް ހުސްވިއެވެ.

"އަޅުގަނޑުގެ ތުއްތު ދެކުދިން ގޭގައި ތިބި ހަނދާން ވެގެން އެނބުރިލިތަނާ ފެނުނީ މީހާގެ ގައިން ހީބިހި ނަގައިން ދިޔަ މަންޒަރުތަކެއް. ފަޅުތެރެއިން މީހުން ބަރުކޮށްގެން ފުރި ދޯންޏެއް ބަންޑުން ޖަހާލި މަންޒަރު ފެނިގެން ދިޔުމުން ގައިން ރޫރޫ އަޅައިގެން ދިޔަހެން ހީވި. އަދިވެސް އެ މޫނުތަށް ސިފަވާކަހަލަ." އަބްދުލް މަޖީދު ހަސަން ބުންޏެވެ.

ސުނާމީ ކާރިސާގައި ހިތި ހިތާމަވެރި ތަޖުރިބާތައް ކުރި މީހުންގެ ވާހަކަތައް ހިއްސާކުރާއިރު، ކުރިއަށް އޮތް ތަނުގައި އެފަދަ ދެވަނަ ހާދިސާއަކަށް ދުރާލައި ތައްޔާރުވާން ޖެހެއެވެ. ހާދިސާއަށް 15 އަހަރު ވެެގެން ދިޔަ ނަމަވެސް ނުރައްކަލުގެ ހާލަތު ބަދަލެއް ނުވެއެވެ. ޤުދުރަތީ ކާރިސާތަކުގެ އިތުރުން މޫސުމީ ބަދަލުތަކަށް ސަމާލުކަން ދޭންޖެހެއެވެ.

އަދި ސުނާމީ ކާރިސާއިން އަރައިގަތުމަށް ދިވެހިން ދެއްކި އެއްބައިވަންތަކަން ދަމަހައްޓައި، އެވާހަކަތަށް ފަހުގެ ޖީލުތަކަށް ކިޔައިދޭން ޖެހެއެވެ.