ޚަބަރު

ކަރަންޓް ކެނޑުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން- ސްޓެލްކޯ


މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދުގެ ވަގުތުތަކުގައި ކަރަންޓް ކެނޑެމުންދަނީ ޖަނަރޭޓަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.ސްޓެލްކޯއިން ބުނީ،  މައްސަލަތަކެއް ދިމާވެގެން އުޅެނީ އަށް މެގަވޯޓްގެ ޖަނަރޭޓަރަކަށް ކަމަށާއި، ޖަނަރޭޓަރަށް މައްސަލަ ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމަށް އިންޖިނިއަރުންގެ ޓީމުތަކުން މިހާރު މަސައްކަތްކުރަމުންދާ ކަމަށެވެ.އަށް މެގަވޯޓުގެ ޖަނަރޭޓަރަށް ކުރިމަތިވި މައްސަލަތަކާއި ގުޅިގެން ހެންވޭރާއި، ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑައިގެން ދިޔަ ކަމަށާއި، މާލޭގެ އެހެން އެހެން ސަރަހައްދުތަކުން ކަރަންޓް ކެނޑުނީ، ލޯޑު ބޮޑުވެ، އިތުރު ޖަނަރޭޓަރެއް ފެއިލް ވެގެން ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ. ނަމަވެސް ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ފެއިލްވި ޖަނަރޭޓަރ އޮޕަރޭޝަންއަށް ގެނެވުނު ކަމަށް ސްޓެލްކޯއިން ބުނެއެވެ.ޖަނަރޭޓަރަށް ދިމާވި މައްސަލަތައް ވީހާވެސް އަވަހަކަށް ހައްލު ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ސްޓެލްކޯއިން މައުލޫމާތުދެއެވެ.