ޚަބަރު

ދަރުމަވަންތަ ހޮސްޕިޓަލްގައި ފެނުގެ ކަސްރަތުގެ ޚިދުމަތް ފަށައިފި


ދަރުމަވަންތަ ހޮސްޕިޓަލްގެ ޕިޒިއޮތެރަޕީ ޑިޕާޓްމަންޓްގައި "އަކުއަޓިކް ޕިޒިއޮތެރަޕީ" ނުވަތަ ފެނުގެ ކަސްރަތުގެ ޚިދުމަތް ފަށައިފިއެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ފެށި ޚިދުމަތެކެވެ.

މިހާތަނަށްވެސް ފިޒިއޮތެރަޕީގެ ޚިދުމަތް ރާއްޖޭގައި ދެމުން އައިސްފައިވަނީ އިންޑޯ ކަސްރަތުގެ ގޮތުގައެވެ. ހައިޑްރޯ ޕޫލާއެކު ފެނުގެ ކަސްރަތުގެ ޚިދުމަތް ރާއްޖޭގައި ފެށި ފުރަތަމަ ހޮސްޕިޓަލަކީ ދަރުމަވަންތަ ހޮސްޕިޓަލެވެ. ދަރުމަވަންތަ ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް މިވަނީ ފެނުގެ ކަސްރަތު ކްލާސްތައް ޤަވާޢިދުން ދޭން ފަށާފައެވެ. މިއީ ގައިގެ މަސްތަކުގައި ރިއްސާމީހުންނަށް ޚާއްސަކޮށްގެންދޭ ފިޒިއޮތެރަޕީގެ ބާވަތެކެވެ.

ހޮސްޕިޓަލްގައި އަލަށްފެށި ޚިދުމަތާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޕްރިންސިޕަލް ފިޒިއޮތެރަޕިސްޓް ޑރ.ޢާއިޝަތު މަހްފޫޒާ ވިދާޅުވީ ފުރަތަމަ ފަށާފައިވަނީ އުނަގަނޑުގައި ރިއްސާ މީހުނަށް ޚާއްސަކޮށްގެން ފެށި ފެނުގެ ކަސްރަތު ކްލާސްތައްކަމަށެވެ.

ކްލާސްތަކުގައި ބައިވެރިވެވެނީ، ޑޮކްޓަރަށް ދައްކައި ކަސްރަތުކުރުމަށް ޑޮކްޓަރު އިރުޝާދުދޭ ފަރާތްތަކަށެވެ. އަލަށް ފެށި ކްލާހުގައި 12 މީހުންނަށް އަކުއަޓިކް ފިޒިއޮތެރަޕީ ދެންވަނީ ފަށާފައެވެ.

"މިހާރު ރާވާފައި އެބައޮތް ސްޕޯޓްސް އެނޖަރީ މީހުންނާއި، ކަކުލު ހުޅު ލައްވާފައި ތިބޭ މީހުން، ލިގަމަންޓް ލައްވާފައި ތިބޭ މީހުން، ކަނދުރާގައި ރިއްސާ މީހުންނަށް ޚާއްސަ ކަސްރަތު ކްލާސްތައް ހިންގުމަށް. މުޅިން ޚިދުމަތް ފަށައިގަނެވުނީމައި، ފުލް ޓައިމްކޮށް ކްލާސްތައް ގެންދާނަން." ޑރ.މަޙްފޫޒާ ވިދާޅުވިއެވެ.

ކޮންމެ ކްލާހެއްގައި 15 މީހުންނަށް އެއްފަހަރާ ބައިވެރިވެވޭނެކަމަށް އައިޖީއެމްއެޗުން ވިދާޅުވެއެވެ. އަދި ކޮންމެ ކުލާހެއްގައި ކަސްރަތް ކުރާނެގޮތް ކިޔައިދިނުމަށާއި، އިރުޝާދު ދިނުމަށް ފިޒިއޮތެރަޕިސްޓެއް ބައިވެރިވާނެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ 4ވަނަ ފަންގިފިލާގައި ހަދާފައިވާ ޕޫލަކީ، ކަސްރަތު ކުރާ މީހުންނަށް ޚާއްސަ ކަންތައްތަކާއިއެކު ހަދާފައިވާ ޕޫލެކެވެ.


"މި ޕޫލަކީ 34 ޑިގްރީއަށް ހޫނުކޮށްފައި ހުންނަ ޕޫލެއް. ފެންގަނޑު ހޫނުވުމުންވެސް ފައިދާތައް ލިބޭ. އެގޮތުން ގައިގެ މަސްތަކާއި ހުޅުތަކަށް ފަސޭހަވުމާއި، އަދި ކުރުގެޅިފައި ހުންނަ މަސް ފަށަލަތަކަށްވެސް ދޫޖެހި ފަސޭހަވޭ." ޑރ.މަހްފޫޒާ ވިދާޅުވިއެވެ.

މިހާރު ފަށައިގެން ކުރިއަށްގެންދާ ކްލާހަކީ 8 ހަފްތާއަށް، ހަފްތާއަކު 3 ކްލާސް ނަގާގޮތަށް ކުރިއަށްގެންދާ ކަސްރަތު ކްލާހެކެވެ.

އައިޖީއެމް ހޮސްޕިޓަލް އިމާރާތުގައި ހިންގަމުންއައި ޕިޒިއޮތެރަޕީ ޑިޕާޓްމަންޓް ދަރުމަވަންތަ ހޮސްޕިޓަލް ޢިމާރާތަށް ބަދަލުކޮށް ޚިދުމަތް ފަށާފައިވަނީ މިއަހަރުއެވެ. އެޑިޕާރޓްމަންޓުން އެވަރެޖްކޮށް ދުވާލަކު 300މީހުން ޚިދުމަތް ހޯދައެވެ. ފިޒިއޮތެރަޕީގެ ޚިދުމަތް ދިނުމަށް އައިޖީއެމް ހޮސްޕިޓަލްގައި 18 ތެރަޕިސްޓުން މަސައްކަތް ކުރެއެވެ.