ކ ތިލަފުށީގައި ކުނިއަޅާ ސަރަހައްދު ފުރި ވަރަށްބޮޑަށް ޖާގައިގެ ދަތިކަން ކުރިމަތިވެއްޖެއެވެ.
ކުނިއަޅާސަރަހައްދަށް ޖަމާކުރާ ކުނި މެނޭޖު ނުކުރެވި ކުނިއަޅަމުންގޮސް، މިހާރު ވަނީ ކުނިއަޅާ ސަރަހައްދުގެ ޖެޓީގެ ތޮށިގަނޑާއި ހަމައަށް ކުނިތައް ފެތުރިފައެވެ. އަދި ކުނި ހިފައިގެން ތިލަފުއްޓަށް އަންނަ އުޅަނދުތައް ކުނި ބާލައި ޖަމާކުރުމުގައިވެސް ދަތިތައް ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ.
އެކަމާއި ގުޅިގެން ވެމްކޯއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ވެމްކޯ ތިލަފުށި ސައިޓާއި އިންވެގެން އޮންނަ ސަރަހައްދުގެ ބަނދަރާއި، ތޮށިގަނޑު މަރާމާތު ކުރުމުގެ މަސައްކަތްތަކެއް ކުރަމުން ދިއުމުން ކުނި ހުސްކުރުމަށް ބޭނުންކުރަމުންދާ ގިނަ ވެހިކަލްތަކަށް އެސަރަހައްދުގައި ހަރަކާތްތެރިވުމުގައި ދަތިތަކާއި ކުރިމަތިވެފައި ވާކަމަށެވެ.
އަދި ކުނިމެނޭޖު ކުރުމުގައި ތިލަފުށީ ސައިޓްގައި ބޭނުންކުރާ ވެހިކަލްތަކުގެ ތެރެއިން ހަލާކުވެފައިވާ ވެހިކަލްތައް މަރާމާތުކުރުމާއި އަޕްގްރޭޑް ކުރުމުގެ މަސައްކަތް ވެސް ހުސްވި ނޮވެމްބަރު މަހުން ފެށިގެން ކުރަމުންދާ ކަމުގައި ވެމްކޯއިން ބުނެއެވެ.
ވެމްކޯއިން ނެރުނު ބަޔާނުގައި ވަނީ ދިމާވެފައިވާ މައްސަލަތަށް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުންދާކަމަށާއި އެގޮތުން ކުނި ނެގުމުގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން، ތިލަފުށީގެ އޮޕަރޭޝަނަށް ޝިފްޓްއެއް އިތުރުކޮށް، ތިލަފުށީގައި ބޭނުންކުރުމަށް އިތުރު ވެހިކަލްތައް ކުއްޔަށް ނެގުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.