ވިޔަފާރި

މިއަހަރު ހުޅުވި އެންމެ ރަނގަޅު ރިސޯޓަކަށް "ދަ ނޮޓިލަސް މޯލްޑިވްސް"


މަޝްހޫރު ލަގްޒަރީ ޓްރެވެލް އިންޓެލިޖެންސްއިން ހޮވި މިއަހަރު ހުޅުވި އެންމެ ރަނގަޅު ރިސޯޓަކަށް ދަ ނޮޓިލަސް މޯލްޑިވްސް ރިސޯޓް ހޮވިއްޖެއެވެ.

ލަގްޒަރީ ޓްރެވެލް އިންޓެލިޖެންސްއިން އާންމުކޮށްފައިވާ "ވޯލްޑްސް ބެސްޓް ނިއު ލަގްޒަރީ ހޮޓެލް" ލިސްޓުގެ އެއްވަނަ ރާއްޖޭގެ ރިސޯޓަކަށް ލިބުނުއިރު، މިލިސްޓުގައި ރާއްޖޭގެ 3 ރިސޯޓެއް ހިމެނެއެވެ،

ލަގްޒަރީ ޓްރެވެލް އިންޓެލިޖެންސްއިން އާންމުކޮށްފައިވާ "ވޯލްޑްސް ބެސްޓް ނިއު ލަގްޒަރީ ހޮޓެލް"ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 35 ހޮޓެލްއެއް ވަނީ ހިމަނާފައެވެ. ލަގްޒަރީ ޓްރެވެލް އިންޓެލިޖެންސްއިން ބުނީ މި ލިސްޓް އެކުލަވާލާފައިވަނީ ދާއިރާގެ ތަޖުރިބާކާރު މީހުން ހިމެނޭ ޕެނަލަކުންކަމަށެވެ.

މި ލިސްޓުގައި ހިމެނޭ ރާއްޖޭގެ 3 ރިސޯޓަކީ މާލެ އަތޮޅު ވޯލްޑޮފް އެސްޓޯރިއާ މޯލްޑިވްސް އިތާފުއްޓާއި، ރ.އަތޮޅު އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓާއި އަދި ލިސްޓުގެ އެއްވަނަ ލިބުނު ބ. އަތޮޅު ދަ ނޮޓިލަސް މޯލްޑިވްސް ރިސޯޓެވެ.

ބ އަތޮޅުގައި ތަރައްޤީކޮށްފައިވާ "ދަ ނޮޓިލަސް މޯލްޑިވްސް" ރިސޯޓުގައި ބީޗް އަދި އޯޝަން 26 ވިލާ ހިމެނޭއިރު، މީގެތެރޭގައި 1 ކޮޓަރިއާއި ދެކޮޓަރީގެ ވިލާތައް ހިމެނެއެވެ. މި ރިސޯޓަކީ އެކަހެރިކަމާއި، ހަމަހިމޭންކަމަށް ލޯބިކުރާ ފަތުރުވެރިންނަށް ހާއްސަ ރިސޯޓެކެވެ. މި ރިސޯޓު ހުޅުވީ މިއަހަރުގެ ފެބްރުއަރީމަހުގެ 5 ވަނަ ދުވަހުއެވެ.

މާލެ އަތޮޅު އިތާފުށީގައި ޤާއިމްކޮށްފައިވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސްއަކީ ދުނިޔޭގެ ނަން މަޝްހޫރު ހިލްޓަން ބްރޭންޑުގެ ދަށުން އެސްޓޯރިއާއިން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓެވެ.

ވަކިވަކިން އޮތް ތިން ކުޑަ ރަށް ހިއްކައިގެން އެއްކޮށް ތަރައްޤީކޮށްފައިވާ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓުގައި 140 ވިލާ އަދި 10 ރެސްޓޯރެންޓު ކެފޭ ހުރެއެވެ.

މަޝްހޫރު ޓީވީ ނެޓްވޯކް، ސީ.އެން.އެންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅު ވޯޓަރ ފްރަންޓް ރެސްޓޯރަންޓްއާއި އޭޝިޔާގެ އެންމެ ހިތްގައިމު 5 ރިސޯޓުގެ ލިސްޓުގައިވެސް މީގެކުރިން ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ވަނީ ހިމެނިފައެވެ. މި ރިސޯޓް ހުޅުވީ މިއަހަރުގެ ޖުލައިމަހުއެވެ.

އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ރިސޯޓުތަކާއި ހޮޓާތައް ތަރައްގީކުރާ ކުންފުންޏެއް ކަމަށްވާ އިންޓަކޮންޓިނެންޓަލް ގްރޫޕްގެ ރިސޯޓެކެވެ. މި ރިސޯޓުގައި 81 ވިލާ ހުރެ އެވެ. މީގެ ތެރޭގައި ބީޗް ވިލާތަކާއި ލެގޫން އަދި އޯވާ ވޯޓާ ވިލާތައް ހިމެނެ އެވެ. މި ވިލާތަކުން ރާއްޖޭގެ ރީތިކަން ދައްކުވައިދޭ އިރު ޕްރައިވެޓް ޓެރަހެއްގެ އިތުރުން ޕޫލެއް ވެސް ހުރެއެވެ. މި ރިސޯޓް ހުޅުވީ މިއަހަރުގެ ސެޕްޓެމްބަރމަހުގެ 2 ވަނަ ދުވަހުއެވެ.

ލަގްޒަރީ ޓްރެވެލް އިންޓެލިޖެންސްއިން އާންމުކޮށްފައިވާ "ވޯލްޑްސް ބެސްޓް ނިއު ލަގްޒަރީ ހޮޓެލް" ގައި ރާއްޖޭގެ އިތުރުން މޮރޮކޯ، ޖަޕާން، ޔޫކޭ، ފްރާންސް، އިޓަލީ، ހޮންގކޮންގެ ބައެއް ހޮޓެލްތައް ހިމެނެއެވެ.