ވިޔަފާރި

ވިޔަފާރީގެ ހުރިހާ ހުނަރަކަށް ދިވެހިން ފަރިތަވާންޖެހޭ


ޤައުމެއްގެ ގޮތުގައި ރާއްޖެ ކުރިއަރައިގެން ދާއިރު، ވިޔަފާރީގެ ހުރިހާ ހުނަރަކަށް ދިވެހިން ފަރިތަވާންޖެހޭކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

މިއަހަރުގެ މޯލްޑިވްސް ބިޒްނަސް އެވޯޑް ހަފްލާ ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ހުސައިން ވިދާޅުވީ، ވިޔަފާރިއަކީ ހަމައެކަނި ގަނެ ވިއްކުންކަމަށް ބައެއް ފަރާތްތަކުން ވިސްނާކަމަށެވެ.. ނަމަވެސް ވިޔަފާރިއަކީ އޭގެޒާތުގައި ބައިވަރު ކަންކަން ހިމެނޭކަމެއްކަމަށާއި އޭގެތެރޭގައި އިޝްތިހާރުކުރުމާއި މާކެޓްކުރުންވެސް ހިމެނޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ވިޔަފާރީގައި އެކި ދާއިރާތައް ހިމެނޭކަން ބިޒްނަސް އެވޯޑުންވެސް ހާމަވާކަމަށެވެ. އެހެންކަމުން ވިޔަފާރީގެ ހުރިހާ ދާއިރާއަކުން ދިވެހިން ކުރިއަރަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދިވެހިން އެބަޖެހޭ ވިޔަފާރިއަކީ އެއްޗިހި ދެކޭދެކުން ބަދަލުކުރަން. ޤައުމެއްގެ ގޮތުން އަޅުގަނޑުމެން ތަރައްޤީވެ ކުރިއަރާއިރުގައި ވިޔަފާރީގެ ހުރިހައި ފަންނަކަށް އަޅުގަނޑުމެން ވަރަށް ފަރިތަވާން އެބަޖެހޭ. ސަބަބަކީ ބަވަނަވެފައިވާ ދުނިޔެއެއްގައި އަޅުގަނޑުމެން ކުރިއަށްދާއިރުގައި ދުނިޔޭގެ ހުރިހައި އެންމެންނަށް ވާދަކޮށްގެން އަޅުގަނޑުމެން އިނާމު މިހޯދަނީ." މިނިސްޓަރ ހުސައިން ރަސީދު ހަސަން ވިދާޅުވިއެވެ.

މިނިސްޓަރ ހުސައިންގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރާފައިވާ މިންވަރަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައި، ފަތުރުވެރިކަމުގެ ބްރޭންޑަކަށް ރާއްޖެ ވެފައިމިވަނީ ދިވެހިން ކުރި ބުރަ މަސައްކަތުން ދުނިޔޭގެ އެކި ކަންކޮޅުތަކާ ވާދަކޮށްގެންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.