ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނ. ކެނދިކުޅުދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކެނދިކުޅުދޫގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި، ކުރިޔަށް ރާވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު ކައުންސިލަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އަދި، ރަށުގެ މިހާރުގެ ހާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

މީގެއިތުރުންވެސް، ކުނި ނައްތާލުމުގައި ދިމާވާ ދަތިތަކާއި، އަތޮޅުގައި ހުރި އިޖްތިމާޢީ އެކި އެކި މައްސަލަތައް ޙައްލުކުރުމަށް ފުލުހުންގެ ޚިދުމަތް ބޭނުންވާ ކަމާއި ރަށުގެ ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމާއި، ބޭސް ފިހާރައިގެ ޚިދުމަތް 24 ގަޑި އިރު ނުލިބުމުން ދިމާވާ ދަތިތަކާ ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.

ކައުންސިލަރުން އިތުރަށް ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ކެނދިކުޅުދޫ ސްކޫލަށް ބޭނުންވާ ބައެއް ވަޞީލަތްތަކާއި، ރަށުގެ ނަރުދަމާގެ މަސައްކަތް ނުފެށި ލަސްވާތީދިމާވާ ދަތިތަކުގެ ވާހަކަ ހިމެނެއެވެ. މީގެއިތުރުން ރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ވިސްނުންތެރިކަމާއެކު ވީ އެންމެ އަވަހަކަށް ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.