ދުނިޔެ

ބޮސްނިޔާ ޤަތުލުޢާންމާއި ގުޅޭގޮތުން ހުށަހެޅި ޤަރާރު ވީޓޯކޮށްފި


ބޮސްނިޔާގެ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސާބު ދަރިކޮޅުގެ މީހުން 1995 ވަނަ އަހަރު ސްރެބްރެނިޓްސާގައި ހިންގި ޤަތުލުއާންމަކީ ނަސްލު ނައްތާލުމުގެ ޖަރީމާއެއްކަމަށް ސިފަކޮށް އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރު ރަޝިޔާއިން ވީޓޯކޮށްފިއެވެ.މިޤަރާރު ވީޓޯ ކުރަމުން ރަޝިޔާގެ މަންދޫބު ވޓާލީ ޗޯރކިން ވިދާޅުވީ މިޤަރާރު ފާސްވެއްޖެނަމަ ބޮސްނިޔާގެ މުސްލިމުންނާއި ސާބުންނާ ދެމެދު އިތުރު ނުތަނަވަސްކަމަކާ ފިތުނައެއް އުފެދި ބޮސްނިޔާގެ އާންމު މަސްލަޙަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމަށެވެ.ސްރެބްރެނިޓްސާ ޤަތުލުޢާންމަކީ 1992 ން 1995 އަށް ބޮސްނިޔާގައި ހިނގި ދާޚިލީ ހަނގުރާމައިގާ އެޤައުމުގެ ސާބު ދަރިކޮޅުގެ މީހުން މުސްލިމުންނާ ދެކޮޅަށް ހިންގި އެންމެ ބިރުވެރި އަދި ނުރައްކާތެރި ޤަތުލުޢާންމެވެ. މިޤަތުލުޢާންމުގައި 8 ހާސް މުސްލިމުން މަރާލާފައިވާ ކަމަށް އެދުވަސްވަރުގެ ރިޕޯޓްތައް ބުނެއެވެ.މީގެ ވިއްސަކަށް އަހަރުކުރިން ހިނގި މިޤަތުލުޢާންމުގައި އިސްދައުރެއް އަދާކުރި ސާބު ދެލީޑަރުން ކަމަށްވާ ރަޑަވާން ކަރަޑިޗް އާއި ރަޓްކޯ މުލަޑިޗް ވަނީ ބޮސްނިޔާގައި ހިންގި އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ބަލައި ތަހްޤީޤުކުރުމަށް އދ. ން އުފެއްދި ޚާއްސަ ކޯޓަށް ޙާޒިރުކޮށް މިޖަރީމާތައް ހިންގުމުގައި އެދެ މީހުން ޝާމިލްވާކަން ސާބިތުވުމާ ގުޅިގެން ޢުމުުރަށް ޖަލަށްލާފައެވެ.ބޮސްނިޔާގެ ސާބުން އެޤައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކަށް ވިހި އަހަރު ފުރިގެންދިޔުމަށްފަހު މިމައްސަލައާބެހޭ ޤަރާރެއް އދ. އަށް ހުށަހަޅާފައިވަނީ އިނގިރޭސިވިލާތުންނެވެ. އިނގިރޭސިވިލާތަކީ ބޮސްނިޔާގެ ސާބުން އެޤައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގި ޤަތުލުޢާންމުތައް ހުއްޓުވުމަށް އެދުވަސްވަރު މަސައްކަތްނުކޮށް ކުޅިބަލަން އޮތްކަމަށް ތުހުމަތު ކުރެވުނު ވިލާތުގެ ބޮޑެތި ބާރުތަކުގެ ތެރޭގައި ހިމެނޭގައުމެކެވެ.އެހެންކަމުން މިޖަރީމާތައް ހިނގައިދިޔަތާ ވިއްސަކަށް އަހަރުފަހުން މިމައްސަލަ އދ. ގެ ސަލާމަތީ މަޖިލީހަށް އަލުން ހުށަހެޅުމަކީ ބޮސްނިޔާގެ މުސްލިމުންނަށް ހެޔޮއެދިގެން ކުރި ކަމެއް ނޫންކަމަށާ މިއީ ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށްޓަކައި އިނގިރޭސިވިލާތުން ކުރިކަމެއްކަމަށް ރަޝިޔާއިން ބުނެއެވެ.ނަމަވެސް ރަޝިޔާގެ ވީޓޯއާ ގުޅިގެން އިނގިރޭސިވިލާތާއި އެމެރިކާ ވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ. މިޤަރާރު ސަލާމަތީ މަޖިލީހުން ފާސްކުރުމަށް ވޯޓަށް އެހުމުން މިޤަރާރަށް ތާއީދުކޮށް ވޯޓު ދީފައިވަނީ އެ މަޖިލީހުގައި ހިމެނޭ 15 ޤައުމުގެ ތެރެއިން 10 ޤައުމުންނެވެ. އަނެއް 5 ޤައުމުގެ ތެރޭން 4 ޤައުމަކުން ވަކިކޮޅަކަށް ވޯޓު ދީފައިނުވާއިރު ރަޝިޔާއިންވަނީ ވީޓޯގެ ބާރު ބޭނުންކޮށްގެން މިޤަރާރު ނާކާމިޔާބު ކޮށްލާފައެވެ.މިޤަރާރަށް ތާއީދުކުރި ގައުމުތަކުގެ ތެރޭގައި ހުޅަނގުގެ ތިން ބާރުކަމަށްވާ އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާ އަދި އެމެރިކާ ހިމެނެއެވެ. ވަކިކޮޅަކަށް ވޯޓު ނުދޭ ހަތަރު ގައުމަކީ ޗައިނާ، ވެނެޒުއެލާ، ނައިޖީރިޔާ އަދި އެންގޯލާއެވެ.