މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ އެންމެ ޝަރަފުވެރި އެވޯޑް، ބިޒްނަސް އޮފް ދަ އިޔަރ އެވޯޑް އުރީދޫ މޯލްޑިވްސްއަށް ލިބިއްޖެއެވެ. 
އުރީދޫ މޯލްޑިވްސްއަށް ހުރިހާ ގޮތަކުން އެންމެ މޮޅު ކުންފުނި ނުވަތަ ބިޒްނަސް އޮފް ދަ އިޔަރގެ އެވޯޑް ލިބުނީ ކްރޮސް ރޯޑްސް މޯލްޑިވްސްގައި ރޭ ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019ގެ ގާލާގެ ތެރެއިންނެވެ. 
ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށްދިޔަ މޯލްޑިވްސް ބިޒްނަސް އެވޯޑްސްއަކީ ރާއްޖޭގެ އަމިއްލަ މާކެޓިން އެންޑް ޕީ.އާރު ކުންފުންޏެއްކަމަށްވާ ބްލޭޒަން އިންކުން ދޭ އެވޯޑެކެވެ. މި އެވޯޑަކީ ރާއްޖޭގެ އިޤްތިޞާދުގައި ހިމެނޭ އެކި އިންޑަސްޓްރީތަކުން ފާހަގަކޮށްލެވޭ ވިޔަފާރިތަކަށާއި ޤައުމުގެ އިޤްތިސާދަށް އަންނަ ހެޔޮބަދަލާއި، ރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތް ފާހަގަކޮށް، އެހެން ވިޔަފާރިތައް ތަރައްޤީވުމަށް ހިތްވަރު ދިނުމުގެ މަޤްޞަދުގައިދޭ އެވޯޑެކެވެ. 
		
			މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ، ބިޒްނަސް އޮފް ދަ އިޔަރގެ އެވޯޑް މިފަހަރު ހޯދާފައިވަނީ އުރީދޫ މޯލްޑިވްސްއިންނެވެ. މިއެވޯޑަކީ މިއަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ކުންފުންޏަށް ދޭ އެވޯޑެވެ. މިއެވޯޑްގެ އިތުރުންވެސް އުރީދޫއިން ވަނީ ޝަރަފުވެރި އެވޯޑްތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި އެންމެ ރަނގަޅު ސީއެސްއާރު ޕްރޮގްރާމްގެ އެވޯޑް ހިމެނެއެވެ. މިއީ ޔޫއެންޑީޕީއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދިޔަ ސްމާޓް ސިޓީ ޕްރޮޖެކްޓާ ގުޅިގެން ލިބުނު އެވޯޑެކެވެ. 
އުރީދޫއަށް ލިބުނު އެހެން އެވޯޑްތަކުގެ ތެރޭގައި އެކްސެލަންސް އިން ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އެވޯޑާއި އެކްސަލަންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އެވޯޑް ހިމެނެއެވެ. 
		
			އުރީދޫ މޯލްޑިވްސްއަށް ލިބުނު ކާމިޔާބީތަކާ ގުޅިގެން އެކުންފުނީގެ ޑިރެކްޓަރ ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވީ މިއެވޯޑްތަކުގެ ޙަޤީޤީ ޙައްޤުވެރިންނަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ އުރީދޫގެ މުވައްޒަފުންކަމަށެވެ. އަދި މި އެވޯޑުތަކާއެކު ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނީ ފަހުގެ ޓެކްނޮލޮޖީތަކާއި އުފެއްދުންތައް މެދުވެރިކޮށް ޑިޖިޓަލް ރާއްޖެއެއްގައި ކަސްޓަމަރުންނަށް އިތުރު ތަރައްޤީއާއި ފާގަތިކަމ ގުޅުވާލަދިނުމަށްކަމަށް ނިޔާޒް ވިދާޅުވިއެވެ. 
ކްރޮސްރޯޑްސްގައި ކުރިއަށްދިޔަ މޯލްޑިވްސް ބިޒްނަސް އެވޯޑްސްގެ ގާލާގައި 5 ދާއިރާއަކުން 29 އެވޯޑެއް ދިނެވެ. މި އެވޯޑްތަކުގެ ތެރޭގައި ވަކި ވަކި ފަރުދުންނަށް ދޭ އެވޯޑްތަކާއި ކުންފުނިތަކަށް ދޭ އެވޯޑްތައް ހިމެނެއެވެ.