ދުނިޔެ

އެމެރިކާގެ 200 އަށްވުރެ ގިނަ ޒުވާނުން ސޫރިޔާއަށް


ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ހަރަކާތްތެރިވާ ހަރުކަށި ޖަމާއަތްތަކާގުޅިގެން ހަނގުރާމަ ކުރުމަށްޓަކައި އެމެރިކާގެ 200 އަށްވުރެ ގިނަ ޒުވާނުން އެގައުމަށް ދިޔުމަށް މަސައްކަތް ކޮށްފައިވާ ކަމަށާ އަދި މީގެތެރެއިން ގިނަމީހުން ސޫރިޔާއަށް ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބުނެފިއެވެ.އެފްބީއައި ގެ ވެރިޔާ ޖޭމްސް ކޫމީ ވިދާޅުވީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ބައިވެރިވުމަށް އެގައުމަށް ދަނީ އަދި ދިޔުމަށް މަސައްކަތްކުރަނީ ކޮންބައެއްތޯ ބަލަމުންދާ ކަމަށާ އަދި އެކަން ހުއްޓުވުމަށްވެސް މަސައްކަތް ކުރަމުން ގެންދާކަމަށެވެ.ސޫރިޔާގެ ހަނގުރާމައިގާ ބައިވެރިވުމަށްފަހު އެނބުރި އެމެރިކާއަށް އަންނަ މީހުންނާއި ސޫރިޔާގެ ހަރުކަށި ޖަމާއަތްތަކަށް ތާއީދުކުރާ އެމެރިކާ މީހުން އެމެރިކާގެ އެތެރޭގައި ޓެރަރިޒަމްގެ އަމަލުތަކެއް ހިންގަފާނެ ކަމުގެ ބިރު އެބައޮތް ކަމަށްވެސް ކޫމީ ވިދާޅުވިއެވެ.