ތަރައްްޤީ

ޕްރޮޖެކްޓް ކޮންސަލްޓެންސީ ދެވޭނެ ރިސޯސް ޕޫލެއް އަތޮޅު ކައުންސިލްތަކުގައި ޤާއިމުކުރަނީ


ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ އިސްލާޙުތަކާއެކު، ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ލިބިގެންދާއިރު، ސަރުކާރުން ހިންގާ ތަރައްޤީގެ އެކި މަޝްރޫޢުތައް ތަންފީޒުކުރުމާއި މޮނިޓަރކުރުން ކައުންސިލްތަކަށް ދޫކޮށްލުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމަށް ބޭނުންވާ ފަންނީ ޤާބިލުކަން ކައުންސިލްތަކުގައި އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރަމުންނެވެ.

ކައުންސިލްތަކަށް މާލީ ފުދުންތެރިކަން ލިބޭނެހެން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ބޮޑެތި އިސްލާޙުތަކެއްގެނެސް، އެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީޤުކުރައްވާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ މުހިއްމު އަމާޒެއްކަމަށްވާއިރު، ޤާނޫނަށް ގެނެސްފައިވާ އިސްލާޙުތަކާއެކު ކައުސިލްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައްވެސް ވަނީ އިތުރުވެފައެވެ. ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް މިހާރު ވަނީ ދޫކޮށްލާފައެވެ.

ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ކައުންސިލަރުންގެ ދައުރާ ގުޅޭގޮތުން "ވިއަވަތި ރާއްޖެ" މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވީ، 5 މިލިއަނަށްވުރެ ދަށުގެ މަޝްރޫޢުތައް ޑިޒައިންކުރުމާއި، ޓެންޑަރއަށް ބޭނުންވާ ޓެކްނިކަލް ޑޮކިއުމަންޓްތައް އެކަމަކާގުޅޭ މިނިސްޓްރީއަކާ ގުޅިގެން ކައުންސިލްތަކަށްވެސް މިހާރު ތައްޔާރުކުރެވޭނެކަމަށެވެ. އަދި މިކަން ކުރުމުގައި ޓެންޑަރިންގ މަރުހަލާކުރިއަށްދާގޮތާއި، ބަޖެޓް ކޯޑުތަކަށް ކައުންސިލްތަކުން އަހުލުވެރިވުން މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އަސްލަމް ވިދާޅުވީ، ރަށްރަށުގައި ހިންގާ މަޝްރޫޢުތައް ސީދާ މިނިސްޓްރީތަކުން މޮނިޓަރކުރުމުގެ ބަދަލުގައި ކުރިއަށްއޮތްތާ އެ މަސައްކަތް ކުރާނީ ކައުންސިލްތަކުން ކަމަށެވެ. އެހެންކަމުން އިންޖިނިއަރުންނާއި، ސަރވޭޔަރުން ހިމެނޭހެން ޕްރޮޖެކްޓް ކޮންސަލްޓެންސީ ދެވޭނެ ރިސޯސް ޕޫލެއް ކޮންމެ އަތޮޅު ކައުންސިލެއްގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ

"މީގެ ކުރިން ޕްރޮޖެކްޓުގެ ވެރިފަރާތުން އެ މަސައްކަތް މޮނިޓަރކުރަނީ. މިހާރު އެ ބާރު ކައުންސިލްތަކަށް ލިބިގެންދާއިރު، ވިސްނުންހުރީ ބީއޯކިއު ތައްޔާރުކުރުމާއި، އިންޖިނިއަރުންނާއި، ސަރވޭޔަރުން ހިމެނޭހެން އަތޮޅު ކައުންސިލްތަކުގައި ރިސޯސް ޕޫލެއް ހެދުން. އޭރުން އެ ފަރާތްތަކުން އެ އަތޮޅެއްގެ ރަށްރަށުގައި ހިންގާ މަޝްރޫޢުތައް ލައިން މިނިސްޓްރީއަކާ ގުޅިގެން މޮނިޓަރކުރާނީ" މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ

ޕްލޭނިންގ މިނިސްޓަރ އަސްލަމް ވިދާޅުވީ، މަޝްރޫޢުތައް މޮނިޓަރކުރުމަށް ކައުންސިލްތަކަށް ބޭނުންވާ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މިއީ ފަންނީ އެކި ދާއިރާތަކުން ތަޢުލީމު ޙާޞިލުކުރާ ފަރާތްތަކަށްވެސް ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ މަގުފަހިކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ލިބިގެންދާނެ ފަސޭހައެއްކަމަށެވެ.

ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކައުންސިލްތަކަށް ދޫކޮށްލުންވެގެންދާނީ މައި ސަރުކާރަށް އޮންނަ ބާރުބޮޑުވުން ކުޑަވެ، ރައްޔިތުން ބޭނުންވާ ތަރައްޤީ، އެ ރައްޔިތުންނާއި ވީހާވެސް ގާތުން ގެނައުމަށް ފުރުޞަތު ހުޅުވިގެންދާނެކަމެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

އަދި އެ މަސައްކަތްތަކާއި، އެކަމަށް ހިނގާ ބަޖެޓް މޮނިޓަރކޮށް ރިޕޯޓްކުރުމާއި، މަސައްކަތް ކުރިއަށްގެންދިއުމަށް ކޮންޓްރެކްޓަރަށް ފޯރުވައިދޭންޖެހޭ ވަޞީލަތްތައް ނުވަތަ ހުއްދަތައް ފޯރުވައިދިނުމަކީ މިހާރު ކައުންސިލްތަކުގެ ޒިންމާއެކެވެ. އެގޮތުން ސައިޓް ހަވާލުކުރުމާއި، ސަރުކާރުގެ އިދާރާއަކާއި ގުޅިގެން ނުވަތަ އެހެންވެސް އިދާރާއަކާ ގުޅިގެން ހިންގާ މަޝްރޫޢުތައް ވިލަރެސްކުރުމުގައި މެދުވެރިއެއްގެ ދައުރު ކުރިއަށްއޮތްތާ އަދާކުރާނީ ކައުންސިލްތަކުންނެވެ.