ކުޅިވަރު

އެވަޓަންގެ ކޯޗު ކަމުގެ މަޤާމަށް އެންޗެލޯޓީ ހަމަޖައްސައިފި


ހުސްވެފައިވާ އެވަޓަންގެ ކޯޗުކަމަށް ތަޖުރިބާކާރު ކޯޗު ކާލޯ އެންޗެލޯޓީ ހަމަޖައްސައިފިއެވެ.

މިއީ އުމުރުން މިހާރު 60 އަހަރުގެ ކޯޗުގެ ކެރިއަރުގައި މެދުފަންތީގެ ޓީމަކާ ހަވާލުވި ފުރަތަމަ ފަހަރެވެ.

މީގެ ކުރިން އޭނާ ކޯޗުކޮށްދީފައިވަނީ ތައްޓަށް ވާދަކުރާ ޔޫރަޕުގެ ވަރުގަދަ ކުލަބުތަކަށެވެ. އޭގެ ތެރޭގައި އުފަން ޤައުމު އިޓަލީގެ ޔުވެންޓަސް އާއި އޭސީ މިލާންގެ އިތުރުން އިނގިރޭސިވިލާތުގެ ޗެލްސީ އާއި ސްޕޭންގެ ރެއާލް މެޑްރިޑް އަދި ފްރާންސްގެ ޕީއެސްޖީ ހިމެނެ އެވެ.

އިނގިރޭސި ޕްރެމިއާ ލީގުގެ ދެ ވަނަ ތަޖުރިބާ ކުރުމަށް އެންޗެލޯޓީ އެވަޓަންއާ ހަވާލުވީ 2024 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށެވެ.

"މިކުލަބަކީ ވަރަށް ދިގު ތާރީހެއް އޮތް މުއްސަދި ސަގާފަތެއް އޮތް ކުލަބެއް. ތަށި ހޯދުމަށް ކުލަބުން ގެންގުޅޭ ވިސްނުން ރަނގަޅު. އަދި ކުލަބުގައި ވަރަށް ރަނގަޅު އޮނިގަނޑެއް އެބައޮތް. މިދިޔަ ދެ ހަފުތާގައި އަހަރެން ބެލިން އެވަޓަންގެ މެޗުތައް. މި ޓީމަކީ ނަތީޖާ ނެރެވޭ ފެންވަރުގެ ގާބިލްކަން ލިބިފައިވާ ޓީމެއް،" އެންޗެލޯޓީ ބުންޏެވެ.

އެންޗެލޯޓީ އެންމެ ފަހުން ކޯޗުކޮށްދިނީ އިޓަލީގެ ނަޕޯލީ އަށެވެ. އެ ޓީމުގެ ކޯޗުކަމުން އޭނާ ވަކިކުރީ މީގެ ދެ ހަފުތާކުރިންނެވެ. އެއީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރަށް ދިޔަ ނަމަވެސް އިޓާލިއަން ލީގުގެ ނަތީޖާ ގޯސްވުމުންނެވެ.

އެވަޓަން މިވަގުތު އޮތީ އިނގިރޭސި ލީގުގެ 20 ޓީމު ވާޑަކުރާ ލީގުގައި 18 ޕޮއިންޓާއެކު 16 ވަނާގަ އެވެ.

"މި ކުލަބުގައި އަހަރެން ބޭނުންވާ ސިފަތައް އެބަހުރި. މެނޭޖްމަންޓުގެ ވިސްނުން ރަނގަޅު. މަޑުމަޑުން އަހަރުމެންނަށް ކަންތައްތައް ހަމައަކަށް އަޅުވާލެވިދާނެ،" އެންޗެލޯޓީ ބުންޏެވެ.