ތިމާވެށި

އިޢާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކުރަންޖެހޭ - އެންވަޔަރަމަންޓް މިނިސްޓަރ


ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ކަރަންޓުގެ އަގު ހެޔޮކުރެވޭނީ ރާއްޖެއިން ލިބެންހުރި އިޢާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށްގެން ކަމަށް އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 48 ރަށެއްގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވީ، ރާއްޖޭގައި ހަކަތަ ބޭނުންކުރާ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާއިރު، އެކަމަށް ކުރާ ހޭދަވެސް އިތުރުވަމުންދާކަމަށެވެ. އެގޮތުން ރައްޔިތުންގެ އަތްފޯރާ ފަށެއްގައި ކަރަންޓުގެ އަގު ބެހެއްޓުމަށްޓަކައި މިއަހަރުވެސް ގާތްގަނޑަކަށް 1 ބިލިއަން ރުފިޔާ ތެލުގެ ސަބްސިޑީގެ ގޮތުގައި އެސް.ޓީ.އޯއަށާއި ކަރަންޓު އުފައްދާ، ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ކަރަންޓު އުފެއްދުމަށް ޖަނެރޭޓަރަށް އަޅާ ކޮންމެ ތެޔޮ ލީޓަރަކަށް ގާތްގަނޑަކަށް 3 ރުފިޔާ 40 ލާރި ސަބްސިޑީގެ ގޮތުގައި، ރައްޔިތުންގެ ފައިސާއިން ޚަރަދުކުރެވޭ. އެންމެ ފެންވަރު ރަނގަޅު ޖަނަރޭޓަރަށް ޑީސަލް ތެޔޮއަޅައިގެން، އެ އަންދައިގެން ކަރަންޓު އުފައްދާއިރުވެސް، ކޮންމެ ކަރަންޓު ޔުނިޓަކަށް، ކޮންމެ ކިލޯވޮޓް އަވަރއަކަށް 3 ރުފިޔާ 70 ލާރި ވަރު ޚަރަދުވޭ" މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވިދާޅުވިއެވެ.

މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ، ތެޔޮ އަންދައިގެން ކަރަންޓު އުފެއްދުމަކީ ޚަރަދު ބޮޑުކަމެއްކަމަށާއި، ޑީސަލް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރެވޭނެ އެންމެ ފައިދާހުރިގޮތަކީ ރާއްޖެއިން ލިބެންހުރި އިޢާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދާ، ބޭނުންކުރުންކަމަށެވެ. އެގޮތުން އެފަދަ ގޮތްތައް ހޯދާ ދެނެގަތުމުގެ މުހިއްމުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

"ރާއްޖެއިން ލިބެންހުރި އިޢާދަކުރަނިވި ހަކަތައިގެ އެންމެ މުހިއްމު ވަސީލަތަކީ، އިރުގެ އަލި ބޭނުންކުރުން. އިރުގެ އަލިން، ސޯލާ ފޮޓޯވޯލްޓިކް ޓެކްނޮލޮޖީ ބޭނުންކޮށްގެން، ރާއްޖޭގައި ކަރަންޓު އުފައްދާއިރު، ކިލޯވޮޓް އަވަރ އަކަށް ޖެހޭވަރު ޑީސަލް އަންދައިގެން ކަރަންޓު އުފައްދާއިރު ޖެހޭވަރަށްވުރެ %140 އަގުހެޔޮ. އެހެންކަމުން، ސޯލާޖެހުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް. ޑީސަލުން، ޔުނިޓަކަށް 3 ރުފިޔާ 70 ލާރި ޖެހޭއިރު، ސޯލާއިން ޖެހެނީ 1 ރުފިޔާ 54 ލާރި" މިނިސްޓަރ ވިދާޅުވިއެވެ.

އެންވަޔަރަންމަންޓް މިނިސްޓަރ ޑރ. ޙުސެއިން ރަޝީދު ޙަސަން ވިދާޅުވީ، ރާއްޖެއިން ލިބެންހުރި އިޢާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ހޯދައި، އެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަމަށެވެ.

އެގޮތުން ސޯލާ ފޮޓޯވޯލްޓިކް ޓެކްނޮލޮޖީގެ އިތުރުން، ވަޔާއި، ކަނޑުގައި އުފެދޭ ރާޅާއި، އޮއިވަރާއި، ކަނޑުގެ އަޑިޔާއި މަތީފަށަލައިގެ ފިނިހޫނުމިން ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަކީވެސް ދެމެހެއްޓެނިވި ގޮތުގައި ކަރަންޓު އުފެއްދުމަށް ދިވެހިންނަށް ލިބިފައިވާ ގުދުރަތީ ވަސީލަތެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ޖަޕާނުގެ އޮކިނަވާ ޔުނިވަރސިޓީއާއެކު، ރާޅު ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ޓެސްޓްތައް ރާއްޖޭގައި ކުރަމުންދާކަމަށާއި، މިހާތަނަށް ލިބިފައިވާ ނަތީޖާއިން، އެކަން ކުރެވިދާނެކަމާމެދު އުއްމީދު އާލާވެފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.