ވިޔަފާރި

މޯލްޑިވިއަންއިން ބެންކޮކް ދެކޮޅު ޓިކެޓު 319 ޑޮލަރަށް


އާ އަހަރާއި ދިމާކޮށް ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ތައިލެންޑުގެ ބޭންކޮކަށް އަގުހެޔޮ ފެއަރއަކާއެކު ޓިކެޓުތައް ވިއްކަން ފަށައިފިއެވެ.

ބެންކޮކަށް ފަށާފައިވާ މި ފެއަރގައި 319 ޑޮލަރު ނުވަތަ 4919 ރުފިޔާއަށް ދެކޮޅު ޓިކެޓު ލިބޭނެކަމަށް މޯލްޑިވިއަންއިން ބުނެއެވެ. އަދި މި ފެއަރގައި މި މަހުގެ 23 އިން ޖެނުއަރީމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ދަތުރުކުރެވޭނެކަމަށް ވެސް އެއަރލައިނުން ބުނެއެވެ.

ޤައުމީ އެއަރލައިން މޯލްޑިވިއަންއިން އެކި ދުވަސްތަކާއި ގުޅުވައިގެން ތަފާތު ފެއަރތަކެއް ބާއްވާއިރު މިދިޔަ ޖޫން މަހު ވެސް މޯލްޑިވިއަން އިން ވަނީ ބެންކޮކަށް ޚާއްސަ ފެއަރއެއްގައި ދަތުރުތައް ކޮށްފައެވެ.

މޯލްޑިވިއަނުން އަންނަނީ ހަފްތާއަކު ހަ ދަތުރު ތައިލޭންޑުގެ ވެރިރަށް ބެންކޮކަށް ކުރަމުންނެވެ. މޯލްޑިވިއަނުން ބެންކޮކަށް ދަތުރުތައް ފަށާފައިވަނީ 2015ވަނަ އަހަރުގެ ތެރޭގައެވެ.

މޯލްޑިވިއަންއިން ގެންދަނީ ރާއްޖޭގެ 10 އެއަރޕޯޓަކަށާއި، ބައިނަލްއަޤްވާމީ 9 މަންޒިލަކަށް ދަތުރުތައް ކުރަމުންނެވެ. އަދި މީގެއިތުރުން ރާއްޖޭގެ ރިސޯޓްތަކަށް އަމާޒްކޮށްގެން ސީ ޕްލޭންގެ ޚިދުމަތްވެސް މޯލްޑިވިއަނުން ދަނީ ދެމުންނެވެ. އަދި ކުރިއަށް އޮތްތަނުގައި ޔޫރަޕަށްވެސް ދަތުރުތައް ފެށުމަށްވެސް އެކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.