ޚަބަރު

ލޮނުމިދިލިގެއިން ހައްޔަރުކުރި 4 މީހެއްގެ ބަންދަށް 10 ދުވަސް ޖަހައިފި


މ.ލޮނުމިދިލިގެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 4 މީހެއްގެ ބަންދަށް 10 ދުވަސް ޖަހައި، 18 އަހަރު ނުފުރޭ 2 ކުދިން ޝަރުތުތަކާއިއެކު ގޭބަންދަށް ދޫކޮށްލައިފިއެވެ.

މާލޭގައި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ އޭގެ ވިޔަފާރިކުރާ ތަންތަން ހޯދުމަށް ފުލުހުން ބްރާސްފަތި ދުވަހުގެރޭ ހިންގި އޮޕަރޭޝަންގައި މ.ލޮނުމިދިލިގެއިން 8 މީހަކުވަނީ ހައްޔަރުކޮށްފައެވެ. މި މީހުންގެ ތެރެއިން 6 މީހެއްގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން އަށާރަ އަހަރު ނުފުރޭ އެއްކުއްޖަކު ޝަރުތުތަކާއިއެކު 5 ދުވަހަށް ގޭބަންދަށް ވަނީ ދޫކޮށްފައެވެ. 18 އަހަރު ނުފުރޭ އަނެއްކުއްޖާއަށް ޝަރުތު ކުރުމަށްފަހު 10 ދުވަހަށް ގޭބަންދަށް ވަނީ ދޫކޮށްލާފައެެވެ.

ބަންދުގައި ބޭތިއްބުމަށް ކޯޓުން ހުކުމް ކޮށްފައިވަނީ 4 މީހަކަށެވެ. މިމީހުންނަށް 10 ދުވަހުގެ މުއްދަތެއް ކޯޓުންވަނީ ޖަހައިދީފަައެވެ. ލޮނު މިދިލި ގެއިން ހައްޔަރުކުރި ދެމަފިރިންގެ އަތުން މަސްތުވާތަކެތި ފެނިފައި ނުވާތީ އެމީހުން ކޯޓަށް ގެންގޮސްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ލޮނުމިދިލިގޭގައި ހިންގި އޮޕަރޭޝަންގައި އެގެއިން ތިރީސް އަށް ހާހަށްވުރެ ގިނަ ދިވެހި ރުފިޔާ އާއި އެކި ޤައުމުތަކުގެ ފައިސާ ހޯދާފައިވެއެވެ. މިފައިސާތައް ފެނިފައި ވަނީ އެގެއިން ހައްޔަރުކުރި އަށާރަ އަހަރު ނުފުރޭ ކުއްޖެއްގެ ވޮލެޓުންނެވެ.

އަދި އެގެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މާލޭގައި މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ އޭގެ ވިޔަފާރިކުރާ ތަންތަން ހޯދުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި މިހާތަނަށް މާލޭގެ 5 ގެއެއް ބަލާ ޗެކްކޮށް 33 މީހަކު ވަނީ ހައްޔަރުކޮށްފައެެވެ.