ކުޅިވަރު

މައިކަޕްގެ ޗެމްޕިއަންކަން އިހަވަންދޫ ޔުނައިޓެޑް ޔޫތު ހޯދައިފި


އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރ މުޙައްމަދު ޢަބްދުﷲ އިސްނަންގަވައިގެން ކުރިއަށްގެންދާ މައި ކަޕްގެ ޗެމްޕިއަންކަން އިހަވަންދޫ ޔުނައިޓެޑް ޔޫތު ހޯދައިފިއެވެ. އިހަވަންދޫގެ ދަނޑުގައި ކުޅުނު މައިކަޕްގެ ފައިނަލް މެޗު އިހަވަންދޫ ޔުނައިޓެޑް ޔޫތު ކާމިޔާބުކުރީ، ހއ.ދިއްދޫ އެޗްއެން ސުޕޯރޓްސް ކުލަބާއި ވާދަކޮށް އެކެއް ސުމެއްގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ހަމައެކަނި ލަނޑު ޔުނައިޓެޑް ޔޫތަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ 13 ވަނަ މިނެޓުގައި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހާމިދު ނަޝީދެވެ. މިމުބާރާތުގެ ފެއަރޕްލޭ ކުޅުންތެރިޔަކަށް ހޮވުނީ ކުޅިމަގުގެ އަބްދުﷲ އިހްވާން (ޑުންގާ) އެވެ. އެންމެ އުއްމީދީ ކުޅުންތެރިޔަކީ ހއ ދިއްދޫ އެޗްއެން ސުޕޯރޓްސް ކުލަބްގެ ހައިޝަމް ރަޝީދެވެ. އަދި 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އެންވީކޭގެ ހުސައިން ނާޝީދެވެ.

މިމުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރަކަށް އެންވީކޭގެ އިބްރާހިމް ހާމިދު ހޮވުނުއިރު، އެންމެ މޮޅު ޑިފެންޑަރަކަށް ހޮވުނީ އިހަވަންދޫ ޔުނައިޓެޑް ޔޫތުގެ އާދަމް ނަޝީމެވެ. އެންމެ މޮޅު ފޯވާޑު އަދި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ޔުނައިޓެޑް ޔޫތުގެ 7 މުހައްމަދު ފާރިޝް އިބްރާހީމެވެ. މުބާރާތުގެ އެންމެ މޮޅު ކީޕަރަކީ ޔުނައިޓެޑް ޔޫތުގެ ކީޕަރެވެ.

ހއ އަތޮޅަށް ހުޅުވާލައިގެން ބޭއްވި 13 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތަކީ މިއަތޮޅުގެ އެންމެ ގިނަދުވަސްވީ ފުޓްބޯޅަ މުބާރާތެވެ. ޖުމްލަ 12 ޓީމަކުން މިއަހަރުގެ މުބާރާތުގައި ބައިވެރިވިއިރު ޗެމްޕިއަން ޓީމަށް ހަތްދިހަ ފަސްހާސް ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ.

މި މުބާރާތުގެ ބާނީ ކަމަށްވާ މުހައްމަދު ޢަބްދުﷲ (މުހައްމާ)، މިމުބާރާތް ނިމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ވިދާޅުވީ މިއަންނަ އަހަރުވެސް މައިކަޕް ފުޓްބޯޅަ މުބާރާތް މިއަށްވުރެ ފެންވަރު ރަނގަޅުކޮށް ބާއްވާނެކަމަށާއި، މިއަންނަ އަހަރު މުބާރާތުގައި މިއަށްވުރެ ގިނަ ޓީމްތައް ބައިވެރިވާނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.