ޚަބަރު

ރައީސް ޞާލިހަކީ ޢިލުމްވެރިންނާއި ރައްޔިތުންގެ ބަސްއަހާ ވެރިއެއް - އިލްޔާސް


ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ އިލްމުވެރިންނާއި ރައްޔިތުންގެ ބަސްއަހާ ވެރިއެއްކަން އެމަނިކުފާނުހާމަކޮށް ދެއްވާފައި ވާކަމުގައި އައްޝައިޚް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެެވެ.

އިލްޔާސް މިހެން ވިދާޅުވީ، އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަތަކެއް ހިމަނައި ނެރުނު ރިޕޯޓަކާއި ގުޅިގެން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް، އެމްޑީއެން އުވާލާފައިވާތީ އެކަމަށް މަރުޙަބާ ވިދާޅުވެ ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ޞާލިހަކީ ދީނާއި ދެކޮޅަށް މަސައްކަތްކުރާ އަދިރި ފަރާތްތަކުން ކުރައްވާ މަސައްކަތަށް ބަލައި އެކަންކަމަށް ފަސްޖެހޭނެ ވެރިއެއް ނޫންކަން މިކަމުން ހާމަވެގެން ގޮސްފައިވާކަމަށްވެސް ޝައިޚް އިލްޔާސް ކުރެއްވި ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ.

"ލާދީނީ އަދިރިފަރާތްތަކުގެ އިންޒާރުތަކަސް ބެލުމެއްނެތި، އެމްޑީއެން ރަސްމީކޮށް އުވާލުމުން އަދުގެ ރައީސުލް ޖުމްހޫރިއްޔާއަކީ އިލްމުވެރިންނާއި ރައްޔިތުންގެ ބަސްއަހާ ވެރިއެއްކަން އެގިގެން ހިގައްޖެ" ޝައިޚް އިލްޔާސްގެ ޓްވީޓްގައި ވިދާޅުވެފައިވޭ.

އެމްޑީއެން އުވާލިކަން އިއުލާނުކޮށްފައި ވަނީ ބުރާސްފަތި ދުވަހުއެވެ. ޔޫތު މިނިސްޓްރީން ބުނެފައި ވަނީ އެ ޖަމިއްޔާ އުވާލުމަށް ރެޖިސްޓްރަރ އޮފް އެންޖީއޯސް ނިންމެވުމާއި ގުޅިގެން، ޖަމްޢިއްޔާތަކާއިބެހޭ ޤަވާޢިދުގެ 45 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން ޖަމްޢިއްޔާގެ މުދަލާއި، ދަރަންޏާއި އަދި ޖަމްޢިއްޔާއާ ގުޅޭ އެންމެހާ މައްސަލަތައް ނިންމުމަށް ދިން 45 ދުވަހުގެ މުއްދަތު ހަމަވި އިރުވެސް އެ ޖަމްޢިއްޔާއިން އެއްވެސް އެއްޗެއް އަންގާފައި ނުވާކަމަށެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމު ދީނަށް ތައުހީނުކުރުމުގެ ގޮތުން ފާޑުކިޔައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައި ވާކަމަށް ފުލުހުންގެ ތަހުޤީގަށް ހާމަވެފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެމްޑީއެން އުވާލާފައި މިވަނީ އެޖަމިއްޔާ އުވާލުމަށް، ދީނީއިލުމުވެރިންގެ ތެރެއިން ބައެއް ބޭފުޅުންނާއި އާއްމުރައްޔިތުންގެ ތެރެއިން އެތައް ބަޔަކު ގޮވާލާފައިވަނިކޮށެވެ.