ޚަބަރު

އާޒިމްގެ ބަހުގެ ހޫނު ހަމަލާތަކެއް ބައްސާމަށް!


އެފްއޭއެމްގެ މިހާރު ރައީސް ބައްސާމް އަދީލް ޖަލީލަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް އަލީ އާޒިމްގެ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފިއެވެ.

ވިލިމާލޭގައި އަޅާ ފުޓްބޯޅަ ޓްރެއިނިން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ފޮޓޯތަކާއި އެކު ބައްސާމު ކުރި ޓްވީޓަކަށް ރައްދުދެއްވާ އާޒިމް ވިދާޅުވީ ބައްސާމް ކުރައްވަމުން ގެންދަވަނީ ފުޓްބޯޅަ ވަޅުލާ ފަސްއެޅުމުގެ މަސައްކަތްކަމަށެވެ.

ސްޕޯޓްސް މިނިސްޓަރ އަހުމަދު މަހްލޫފާއި ބައްސާމާއި ދެބޭފުޅުން އެކުގައި ތިއްބެވި ފޮޓޯއަކާއި އެކު ބައްސާމް ކުރެއްވި ޓްވީޓްގައިވަނީ ވިލި މާލޭ ފުޓްބޯޅަ ޓްރެއިނިން ސެންޓަރަކީ ރާއްޖޭގެ ފުޓްބޯޅަ ތަރައްޤީކުރުމަށް އެޅުނު މުހިއްމު އިތުރު ފިޔަވަޅެއް ކަމަށެވެ.

ބައްސާމްގެ މިވާހަކަތަކަށް ރައްދުއްދެއްވާ އެފްއޭއެމްގެ ކުރީގެ ރައީސް އަދި އެމްޑީޕީ ޕާލިމެންޓްރީގެ ގްރޫޕްގެ ޕީޖީ ލީޑަރ ޢަލީ އާޒިމްވަނީ ބައްސާމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އާޒިމްގެ ޓްވީޓްގައި ވަނީ ފުޓްބޯޅަ ކުރިއެރުވުމުގެ ވާހަކަ ބައްސާމު ނުދެއްކުމަށް ގޮވާލާފައެވެ. އެގޮތުން ބައްސާމާއި އޮލިމްޕިކް ކޮމެޓީގެ ރައީސް ޝަވީދާއި ގުޅިގެން ފުޓްބޯޅަ ވަޅުލާ ފަސްއެޅުމުގެ މަސައްކަތް ކުރައްވަމުން ގެންދާކަވާކަމަށް އާޒިމްވަނީ ތުހުމަތުކުރައްވާފައެވެ. އަދި ދިވެހި ފުޓްބޯޅައިގެ ކަރުގައި ހިފާ އެ މަރާލެވޭތޯ ކުރާ މަސައްކަތަކުން ދެ އަތް ދޫކޮށްލުމަށާއި ފުޓްބޯޅަ ދެކެ ލޯބިވާ މީހުން ރޮމުން އެކަމަށް އެދެމުންދާކަމަށްވެސް އާޒިމްގެ ޓްވީޓްގައިވެއެވެ.

މީގެކުރިންވެސް އާޒިމްވަނީ ބައްސާމަށް ފާޑުވިދާޅުވެ ވާހަކަދައްކާވާފައެވެ. އެގޮތުން ބައްސާމާއި ދެކޮޅަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅަން ނިއުރޭޑިއަންޓްއިން ތައްޔާރުވެފައިވަނިކޮށް ނިއުގެ ކުޅުންތެރިންނަށް މުސާރަ ނުދޭކަމަށް ބުނެ އެ މައްސަލާގައި އެފްއޭއެމުން ވަނީ ނިއުރޭޑިއަންޓް ސަސްޕެންޑްކޮށްފައެވެ. ނިއުގެ ފަހުން ބައްސާމްގެ އިތުބާރު ނެތްކަމަށް ނަގަން މަސައްކަތްކުރި ވިކްޓްރީވެސް އެފްއޭމުން ވަނީ ސަސްޕެންޑްކޮށްފައެވެ.
ވިކްޓްރީވެސް ސަސްޕެންޑްކޮށްފައިވަނީ ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރަ ނުދީގެންނެވެ.

ލީގުގަގައި ކުޅޭ ގިނަ ޓީމުތަކަކަށް މާލީ ދަތިތައް ކުރިމަތިވެ މުސާރަ ނުދެވޭ ހާލުގައިވަނިކޮށް ރާއްޖޭގެ ފުޓްބޯޅައިގައި އެންމެ މަޝްހޫރު ނަންތައްކަމުގައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ވިކްޓްރީ ސަސްޕެންޑްކުރުމަކީ ޒާތީކަމެއް ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފައެވެ. އަދި މި ޓީމުތަކުގެ އިތުރުން ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ ބައެއް ފަރާތްތަކުން އަންނަނީ އެފްއޭއެމްގެ ބައެއް ނިންމުންތަކަށް ފާޑުކިޔަމުންނެވެ.