ވިޔަފާރި

"ބްރެނިއާ ކޮއްޓެފަރު" ރިސޯޓް އަންނަމަހު ހުޅުވަނީ


ރ އަތޮޅުގައި ތަރައްޤީކޮށްފައިވާ "ބްރެނިއާ ކޮއްޓެފަރު" ރިސޯޓު އަންނަ މަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.

ބްރެނިއާ ކޮއްޓެފަރު ރިސޯޓަކީ ފަސް ތަރީގެ ރިސޯޓެކެވެ. އަންނަ ޖެނުއަރީ މަހު ރިސޯޓު ހުޅުވި ނަމަވެސް ރަސްމީކޮށް ރިސޯޓު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މާޗްމަހުއެވެ.

15 ހެކްޓަރުގެ މި ރިސޯޓުގައި ޖުމްލަ 190 ވިލާ ހުރެއެވެ. މީގެ ތެރޭގައި ބީޗް ވިލާއާއި އޯވަރ ވޯޓަރ ވިލަރ، ގާރޑެން ވިލާ، އަދި ޚާއްސަ ވިލާތަކެއްކަމަށްވާ "ބްރެނިއާ ރެސިޑެންސް ވިލާތައް ހިމެނެއެވެ.

ވިލާތަކުގެ އިތުރުން ރިސޯޓުތަކުން ދޭ އިތުރު ޚިދުމަތްތަކަށް ބަލާލާއިރު ތަފާތު ކެއުންތަކަށް ޚާއްސަކޮށްގެން ތިން ރެސްޓޯރެންޓް ރިސޯޓުގައި ތަރައްޤީކޮށްފައިވެއެވެ. އެއީ އިންޓަރނޭޝަލް ކުއިސީންތަކަށް ޚާއްސަ "ލައިމް" ރެސްޓޯރެންޓާއި އޭޝިއާގެ ކެއުންތަކަށް ޚާއްސަ "މަންޓާ" އަދި ބާބެކިއުއަށް ޚާއްސަ "ސަންސެޓް ގްރިލް" ރެސްޓޯރެންޓެވެ.

ރެސްޓޯރެންޓްތަކުގެ އިތުރުން ފަތުރުވެރިންނަށް ޚާއްސަކޮށްގެން ރިސޯޓުގައި މޫދު ކުޅިވަރުގެ ޙަރަކާތްތަކާއި ޑައިވިން ސެންޓަރެއް ޤާއިމްކޮށްފައި ހުރިއިރު، ވޯޓަރ ސްޕޯޓްސް ސެންޓަރެއް ވެސް ރިސޯޓުގައި ޤާއިމްކޮށްފައިވެއެވެ.

ރ އަތޮޅަކީ މިހާރުވެސް މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ތަރައްޤީކޮށްފައިވާ އަތޮޅެކެވެ. ޖުމްލަ 12 ރިސޯޓު ރ އަތޮޅުގައި ހުޅުވާ ޚިދުމަތް ދެމުންދާއިރު، އަންނަ އަހަރު އަލަށް ހުޅުވާ "ބްރެނިއާ ކޮއްޓެފަރު" ރިސޯޓާއެކު ރ އަތޮޅުގެ ރިސޯޓުގެ އަދަދު 13އަށް އަރާނެއެވެ.

ރ އަތޮޅުގައި މިހާރު ހުރި ބައެއް ރިސޯޓުތަކުގެ ތެރޭގައި އެމަރެލްޑް މޯލްޑިވްސް ރިސޯޓް، އަދާރަން ސިލެކްޓް މީދުއްޕަރު ރިސޯޓު، ޔޫ އެންޑް މީ ބައި ކޮކޫން ރިސޯޓު، ކާޕެޑީއެމް ރިސޯޓު އަދި އިންޓަރކޮންޓިނެންޓަލް މާމުނަގައު ރިސޯޓު ހިމެނެވެ.