ޚަބަރު

ޤާސިމްގެ މަރުގެ ތަޙުޤީޤުން ފުލުހުންގެ މަސައްކަތަށް އައިސްފައިވާ ކުރިއެރުން ފެނޭ - ހޯމް މިނިސްޓަރ


ޤާސިމް ޙަސަންގެ މަރުގެ މައްސަލައިގައި ހިންގާ އޮޕަރޭޝަނުން ފުލުހުންގެ މަސައްކަތަށް އައިސްފައިވާ ކުރިއެރުން ދައްކުވައިދޭކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ، ޤާސިމް މަރާލި މައްސަލައިގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ހޯމް މިނިސްޓަރގެ ޓުވީޓްގައި ވަނީ މި ތަޙުޤީޤުގައި ފުލުހުން އަދާކުރަމުންދާ ދައުރަށް ތަޢުރީފްކުރައްވާފައެވެ. މިނިސްޓަރ ވަނީ ފުލުހުންގެ ފޮރިންސިކް އިންވެސްޓިގޭޝަންގެ ދާއިރާއަށް އައިސްފައިވާ ކުރިއެރުން މި ތަޙުޤީޤުން ހާމަވާކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވަނީ ޤާސިމް ޙަސަންގެ އާއިލާއަށް އިންސާފު ހޯއްދަވައިދެއްވުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

މިނިސްޓަރ އިމްރާން ކުރެއްވި ޓުވީޓް

ޤާސިމް ޙަސަން މަރާލި މައްސަލައިގައި ތުހުމަތު ކުރެވޭ ފިރިހެނަކު ހައްޔަރުކޮށްފައިވާކަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވަނީ ރޭ ހާމަކުރައްވާފައެވެ. އެކަން ހާމަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ކުރެއްވި ޓްވީޓެއްގައި ވަނީ އެމައްސަލަ ތަޙްޤީގުކުރާ ޓީމުން ކޮށްފައިވާ މަސައްކަތްތަކަށް ފަޚުރުވެރިވާކަން ހާމަކުރައްވާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ކުރެއްވި ޓުވީޓް

މިމަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ރަހުމްކުޑަކޮށް މަރާލި ޓެކްސީ ޑްރައިވަރ ޤާސިމް ހަސަންއަށް ހަމަލާދިން މީހުންގެ ފިންގަރ ޕްރިންޓާއި ޑީއެންއޭ ހިމެނޭގޮތަށް ފޮރިންސިކް ހެކިތައް ފުލުހުން ހޯދާފައިވާކަން މިމަހުގެ 12 ވަނަ ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ހާމަކުރައްވާފައިއެވެ.

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އދ.މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ. އޭނާއަށް ޙަމަލާދީފައިވަނީ ހުޅުމާލޭގައި މީހުން އާބާދުވެފައިނުވާ، އަދި މިހާރު އިމާރާތްކުރުމުގެ މަސައްކަތްތައް ހިނގަމުންދާ ސަރަހައްދެއްކަމަށްވާ ރީތި ގަސް މަގާއި ގުޅިފައިވާ ގޯޅިއެއްގެ ތެރޭގައެވެ.