ކުޅިވަރު

ވިލިމާލޭ ފުޓުބޯޅަ ޓްރެއިނިން ސެންޓަރުގެ ސަބަބުން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ފައިދާ ކުރާނެ: ބައްސާމް


ވިލިމާލޭ ފުޓުބޯޅަ ޓްރެއިނިން ސެންޓަރުގެ ސަބަބުން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ ކަމަށްވާ އޭއެފްސީގެ ރައީސްގެ ހާއްސަ ޕްރޮޖެކްޓެއް ކަމަށްވާ އޭއެފްސީ ޕްރެޒިޑެންޓްސް އިންފްރާސްޓްރަކްޗަރ އިނީޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުން ވިލިމާލޭގައި އަޅާ ފުޓުބޯޅަ ޓްރެއިނިން ސެންޓަރުގެ ބިންގާ އިއްޔެ ވަނީ އަޅާފައި. މި ޓްރެއިނިންގ ސެންޓަރުގައި އެކޮމޮޑޭޝަން ބިލްޑިންގ އަކާއި ފެސިލިޓީ ބިލްޑިންގ އެއް ހިމެނޭނެއެވެ.

ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމީޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ފުޓްބޯޅަ ޓްރެއިނިން ސެންޓަރުގައި ހިމެނޭ އެކަމޮޑޭޝަން ބްލޮކް ޙާއްސަ ކުރާނީ ފުރަތަމަ ޑިވިޝަންގެ ޓީމުތަކަށް ކަމަށް. ބައްސާމް ވިދާޅުވީ، ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުން މިހާރު އުފުލާ ބުރަތައް މި ޓްރެއިނިން ސެންޓަރުގެ ސަބަބުން ލުޔެއް ލިބޭނެކަމަށެވެ. އެގޮތުން ފުރަތަމަ ޑިވިޝަންގެ ކްލަބްތަކަށް ވިލިމާލޭ ފުޓްބޯޅަ ޓްރެއިނިން ސެންޓަރުގައި ހަދާ އެކަމޮޑޭޝަން ބްލޮކުން 2 ކޮޓަރީގެ އެޕާޓްމަންޓެއް ހިލޭ ލިބޭނެކަމަށް ބައްސާމް ވިދާޅުވިއެވެ.

"ހަމަ އެކާކު ދެވަނަ ބިލްޑިންގ އަކީ މިތަނުގެ އެކަމޮޑޭޝަން ބްލޮކެއް. މިއީ އަޅުގަނޑުމެން ބޮޑަށް އަމާޒު މި ކުރަނީ އަޅުގަނޑުމެންގެ ފަސްޓް ޑިވިޝަން ޓީމުތައް މިހާރު އެ ކުރަމުންދާ ތަހަންމަލްތަކުގެ އުނދަގޫތައް ފައިސާގެ ގޮތުން ވިޔަސް އަދި އެހެން ގޮތަކުންވިޔަސް އެ ކުރާ ކަންތައްތަކަށް ލުޔެއް ލިބުމަށްތަކައި އަޅުގަނޑުމެން ކުރާ މަސައްކަތެއް. އިރަދުކުރެއްވީޔާ މި ތަން ހެދިގެން ދިއުމައިއެކީގައި ފަސްތް ޑިވިޝަން ކްލަބްތަކަށް ފަސްޓް ޑިވިޝަންގައި އޮންނަހާ ހިނދެއްގައި މިއިން ތަނަކުން 2 ރޫމްގެ އެޕާޓްމަންޓެއް ހަމަ ހިލޭ ސާބަހަށް ލިބިގެންދާނެ." ބައްސާމް ވިދާޅުވިއެވެ.

ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ފިއުޗާ ހޯމްސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވާ މި ޕްރޮޖެކްޓްގެ ދަށުން ޓާފް ބޮޑު ދަނޑެއްގެ އިތުރަށް އެކޮމޮޑޭޝަން ބިލްޑިން އަކާއި ފެސިލިޓީ ބިލްޑިންއެއް އަޅާނެއެވެ. އެގޮތުން އެކޮމޮޑޭޝަން ބިލްޑިންގައި ދެ ކޮޓަރި ހިމެނޭ 8 އެޕާޓްމެންޓް އަޅާނެއެވެ.

ބައްސާމް ވިދާޅުވީ މި އަންނަ އަހަރުގެ ކުރީކޮޅު ގިނަ ޕްރޮޖެކްޓްތަކެއް ނިމި އެތަންތަނުގެ ބޭނުން ހިފިގެން ދާނެކަމަށެވެ. އޭގެ ތެރޭގައި ހުޅުމާލޭ ސްޕޯޓްސް ސްކޫލް އާއި މާފަންނު ވެލި ދަނޑުގައި އަޅާ އާޓިފިޝަލް ޓާފައި އެތަނުގެ ބިލްޑިންގ މަސައްކަތްވެސް ހިމެނޭކަން ބައްސާމް ފާހަގަކުރެއްވިއެވެ.