ޚަބަރު

އެކްސިޑެންޓް ހިނގީ ލައިޓަށް މަޑުކޮށްގެން އޮތް ވެހިކަލްތަކުގައި ފަހަތުން އައި ޖިޕުން ޖެހިގެން - ފުލުހުން


ރޭ ސިނަމާލެ ބްރިޖުން ފައިބާ ސަރަހައްދުގައި ހިނގި އެކްސިޑެންޓްގައި އެއްވެސް ފަރާތަކަށް ސީރިއަސް އަނިޔާއެއް ވެފައިނުވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ބުރިޖުގެ މާލޭކޮޅު ޓްރެފިކް ލައިޓް ކައިރީގައި ހިނގި މިއެކްސިޑެންޓްގައި ހަތަރު ވެހިކަލަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ބުރިޖުމަތިން މާލެ އާއި ވީކޮޅަށް ބާރު ސްޕީޑެއްގައި ދުއްވާފައި އައި ޖިޕެއް ޓްރެފިކް ލައިޓަށް މަޑުކޮށްގެން އޮތް 3 ކާރާއި 2 ސައިކަލުގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވިއެވެ.

ބާރު ސްޕީޑްގައި ދުއްވި އެޖިޕްގެ ޑްރައިވަރަކަށް އިނީ 27 އަހަރުގެ ބަނގްލަދޭޝްގެ ފިރިހެނެއްކަމަށާއި، މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އެކްސިޑެންޓްގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާއިރު، ޖިޕް ދުއްވަން އިން ބަނގްލަދޭޝް ޑްރައިވަރު ނޫން އެންމެން މިހާރު މިހާރު ހޮސްޕިޓަލުން ދޫކޮއްލާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓް ހިނގުމުން ގިނަ އަދަދެއްގެ ބަޔަކު މި އެކްސިޑެންޓް ހިނގި ސަރަަހައްދުގެ ފޮޓޯއާއި ވީޑިއޯތަށް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު، އެކްސިޑެންޓްވި ވެހިކަލްތަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަން މި ފޮޓޯއާއި ވީޑިއޯތަކުން ހާމަވެއެވެ.

އެކްސިޑެންޓްވި 3 ކާރުގެ ތެރޭގައި ހިމެނެނީ 2 ޕްރައިވެޓްކާރާއި ޓެކްސީއެކެވެ.