ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބުގެ ދާއިރާތައް ފައިނަލްކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި


އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދާއިރާތައް ފައިނަލްކޮށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީތަކާއި ރަށްތަކުގައި ހިމެނޭ އިންތިޚާބީ ދާއިރާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތައް ބަހާފައިވާ ގޮތާއި، އެ އިންތިޚާބީ ދާއިރާތަކުގެ ސަރަޙައްދުތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު އާންމުކޮށްފައެވެ.

މި ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެންދުނު 9:00 އިން މެންދުރު ފަހު 3:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 02:15 އިން ހަވީރު 05:00 އެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވައެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސިޓީ މެދުވެރިކޮށް އިންތިޚާބާ ބެހޭ މައި މަރުކަޒުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ. އަދި އެ ކޮމިޝަނުގެ އީ-މެއިލް މެދުވެރިކޮށް ވެސް ޝަކުވާ ހުށަހެޅޭނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ދާއިރާތަށް ފައިނަލްކޮށް އާންމުކޮށްފައިވާ ލިސްޓުގައި ސިޓީ ތަކަށާއި ރަށްތަކަށް އިންތިޚާބުކުރާ މެންބަރުންގެ އަދަދު ވަނީ އާންމުކޮށްފައެވެ. މި ރިޕޯޓްގައި ބުނާގޮތުން ތިން ހާހަށްވުރެ ކުޑަ އާބާދީގެ ރަށްރަށަށް އިންތިޚާބުކުރާނީ 5 ކައުންސިލަރުންނެވެ. އެ ކެޓަގަރީގައި 164 ރަށެއް ވަނީ ހިމަނާފައެވެ.

ތިން ހާހަށްވުރެ އާބާދީ ބޮޑު 15 ރަށެއް ރިޕޯޓްގައި ލިސްޓްކޮށްފައިވާއިރު، މިރަށްރަށް އިންތިޚާބުކުރަނީ 7 ކައުންސިލަރުންނެވެ. ސިޓީ ކައުންސިލްތަކުގެ މެމްބަރުންނަށް ބަލާއިރު ތޭރަ ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ފުވައްމުލަކު ސިޓީއަށް އިންތިޚާބުކުރަނީ 6 ކައުންސިލަރުންނެވެ. 34 ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ އައްޑޫ ސިޓީއަށް އިންތިޚާބުކުރަނީ 12 ކައުންސިލަރުންނެވެ. އަދި ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެ ސިޓީއަށް 18 ކައުންސިލަރުން އިންތިޚާބުކުރުމަށް ވަނީ ނިންމާފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ކޮންމެ ރަށަކުން އިންތިޚާބުކުރުމަށް ނިންމާފައިވަނީ 5 މެމްބަރުންނެވެ. މިކޮމިޓީއަށް ލޯކަލް ކައުންސިލްއެކޭ އެއްގޮތަށް ފުވައްމުލަކު ސިޓީއިން 6 މެމްބަރުން، އައްޑޫ ސިޓީއިން 12 އަދި މާލެ ސިޓީއިން 18 މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ނިންމާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރީލް މަހުގެ 4 ގައި ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ކައުންސިލްތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް މިހާރު ވަނީ އިތުރުކޮށްފައެވެ. އަދި ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްގެ ރައީސްއާއި، ރަށު ކައުންސިލްގެ ރައީސުން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބުކުރަންޖެހޭގޮތަށް ވަނީ ޤާނޫނަށް ބަދަލުގެނެސްފައެވެ. އަދި މި އިންތިޚާބުގައި އަންހެނުންނަށް ޙާއްސަ ގޮނޑިތަކެއްވެސް ކަނޑައެޅުމަށް ވަނީ ނިންމާފައެވެ.